19 އޮކްޓޯބަރ 2017 - 22:20

ދޯންޏެއްގެ ނަގިލި އެއްލުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ރ. މީދޫ ޒުވާނެއްގެ ފައި މިއަދު ޗިސްވެއްޖެ އެވެ.
ވ. އަތޮޅު ފުލިދޫ ކައިރީގައި އޮތް މީދޫ ދޯންޏެއްގެ ނަގިލި އެއްލި ވަގުތު ހިނގި ހާދިސާގައި ވާތުފައި ޗިސްވެގެން އިމަޖެންސީގައި މާލެ ގެނެސް އޭޑީކޭގައި މިހާރު ފަރުވާދެމުން އަންނަނީ އުމުރުން 22 އަހަރުގެ މޫސާ ޒާހިރު ކިޔާ މީހަކަށެވެ.
މީދު އަށް އުފަން މޫސަގެ އާއިލާގެ މީހަކު މިރޭ ބުނީ، މޫސަގެ ވާތުފައިގެ ކުޑަހުޅުގެ ކަށިތައް ޑިސްލޮކޭޓް ވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވާ ކަމަށެވެ.
"ވާތުފައިގެ ކުޑަހުޅާ ދިމާލުން ވަނީ ވަރަށް ބޮޑަށް ޗިސްވެފައި. ކުޑަހުޅުގެ ކަށިތައް ޑިސްލޮކޭޓް ވެފައި ހުރީމާ ސާޖަރީއެއް ހަދަންޖެހޭ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައި،" މޫސަގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ބޭބެއަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މޫސަގެ ފައި ޗިސްވުމުގެ ހާދިސާ ހިނގީ، ނަގިލި އެއްލުމަށް ފަހު ދޯނި ފަހަތަށް ޖެހިވަގުތު، ނަގިލީގެ ވާ ފައިގައި އޮޅި ތައްޓު މައްޗަށް ވެއްޓިގެންނެވެ.
"އެ ވާ ފައިގައި ވަރަށް ބޮޑަށް އޮޅި ޓައިޓް ވުމުން ފައި ޗިސްވީ،" މޫސަގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މޫސަ އިމަޖެންސީގައި މާލެ ގެނެސް ފުރަތަމަ ފަރުވާދިނީ އައިޖީއެމްއެޗުގަ އެވެ. އެކަމަކު އިތުރު ފަރުވާ ދެވެން ނެތިގެން ފަހުން އޭޑީކޭ އަށް ބަދަލުކުރީ ކަމަށް ޑޮކްޓަރާ ހަވާލާދީ އޭނާގެ އާއިލާ އިން ބުންޏެވެ.