19 އޮކްޓޯބަރ 2017 - 19:30

މާލޭ މިޑްނައިޓް ރަން މިރޭ 12 ޖަހާއިރު ޓްރެކް ދަނޑު ސަރަހައްދުން ފަށާނެ އެވެ.

ރޭގަނޑުގެ ދަށް ވަގުތު ބާއްވާ މި ރޭހުގައި މިފަހަރު 200 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި އެވެ.
މައިގަނޑު ތިން ދުވުން ހިމެނޭ މި ރޭހުގައި 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ފަސް ކިލޯމީޓަރު ދުވުން ވެސް ހިމެނެ އެވެ.
ބޮޑެތި މީހުންނަށް ހުޅުވާލައިގެން އޮންނަނީ ފަސް ކިލޯމީޓަރުގެ ދުވުމާއި 10 ކިލޯމީޓަރު ދުވުމާއި ހިނގުން އަދި ހާފް މެރެތަން އެވެ. މީގެ ތެރެއިން ކޮންމެ އިވެންޓެއް ވެސް ފެށޭނީ ވަކި ވަގުތެއްގަ އެވެ.
"ރޭހުގެ އިންތިޒާމާ ގުޅޭ ހުރިހާ ކަމެއް މިވަނީ ނިމިފައި،" މިޑްނައިޓް ރަންގެ އޮފިޝަލަކު ބުންޏެވެ.
ތިން އިވެންޓްގެ ތެރެއިން 12 ޖަހާ އިރު ފަށަނީ ހާފް މެރެތަން އާއި 15 އަހަރުން ދަށުގެ ފަސް ކިލޯމީޓަރު ދުވުމެވެ.
ބޮޑެތި މީހުންނަށް ހާއްސަ 10 ކިލޯމީޓަރު ދުވުމާއި ހިނގުމުގެ ރޭސް ފަށާނީ 1230 ގަ އެވެ. އަދި ބޮޑެތި މީހުންނަށް ހުޅުވާލާފައިވާ ފަސް ކިލޯމީޓަރުގެ ރޭސް ފަށަން ހަމަޖައްސާފައިވާ ގަޑިއަކީ ދަންވަރު އެކެއް ޖަހާއިރު އެވެ.
"އަޅުގަނޑުމެން އެދެން ހުރިހާ ދުވުންތެރިން ވެސް މިރޭ 1130 އަށް އެކުވެނި ދަނޑަށް ހާޒިރުވާން،" އޮފިޝަލް ބުންޏެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިޒޯޓް ސަޕްލައި ކުރާ އެއް ކުންފުނި ކަމަށްވާ ފީލް އިންވެސްޓްމަންޓުން މެއިން ސްޕޮންސަޝިޕް ނަގާފައިވާ ރޭހުގައި ވަގުތު ބަލާނީ އެކަމަށް ހާއްސަ ސިސްޓަމަކުންނެވެ. އެހެންކަމުން ކޮންމެ ދުވުންތެރިއެއްގެ ބިބްގައި ޗިޕެއް ހަރުކުރާނެ އެވެ.
ރޭސް އިންތިޒާމްކުރާ ފަރާތުން ބުނާ ގޮތުގައި މި ރޭހުގެ ސަބަބުން ވެސް ދުވުމުގެ ޝައުގުވެރިކަން އާންމުންގެ ތެރޭގައި ބޮޑުވާނެ ކަމަށް އުއްމީދުކުރެވެ އެވެ.