19 އޮކްޓޯބަރ 2017 - 19:00

ބަންގްލަދޭޝް އިން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސްރީ ލަންކަން އެއާލައިންސް އިން ރާއްޖެ އައި ބަންގްލަދޭޝް ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން ބެލިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 1،057 ގުޅަ އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި 330 ގްރާމް ހުރި ކަމަށް ބަޔާނުގައި ވެ އެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި ޓެސްޓު ހެދިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓެމައިން އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މަސްތުވާތަކެއްޗާ އެކު އެ މީހާ ފުލުހުންނާ ހަވާލުކުރީ ކަސްޓަމްސް އިންނެވެ.