19 އޮކްޓޯބަރ 2017 - 18:42

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 19) - ރޮހިންޖާ މުސްލިމުންނަށް ހިމާޔަތް ދިނުމަށް ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެފައިވާ ގޮތަށް މިއަންމާ އިން އަމަލު ކުރަމުން ނުދާ ކަމަށް އދ. އިން ބުނެފި އެވެ.
އދ.ގެ ސްޕެޝަލް އެޑްވައިޒާ އޮން ދަ ޕްރިވެންޝަން އޮފް ޖިނޮސައިޑް އެޑަމާ ޑިއެންގް އާއި ސްޕެޝަލް އެޑްވައިޒާ އޮން ދަ ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އީވާން ސިމޮނޯވިޗް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ރޮހިންޖާ މައްސަލަ ހައްލު ކުރަން ބައިނަލްގުވާމީ ގޮތުން ކުރި މަސައްކަތް ވެސް ފޭލްވެފައިވާ ކަމަށެވެ.
"ބައިނަލްއަގުވާމީ ގޮތުން ކިތަންމެ އިންޒާރުތަކެއް ދިން ނަމަވެސް މިއަންމާ ސަރުކާރުން ވަނީ ރޮހިންޖާ މީހުން ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ގާނޫނަށް ބޯލެނބުމުގައި ފޭލްވެފައި. މިކަމުގައި ބައިނަލްއަގުވާމީ މުޖްތަމައު ވެސް ވަނީ ފޭލްވެފައި،" ބަޔާނުގައި ބުނެފައިވެ އެވެ.
ރަކީން ސްޓޭޓުގައި ހިންގާ ޖަރީމާތައް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ވަނީ މިއަންމާ ސަރުކާރަށް ގޮވާލައިފަ އެވެ. މިއަންމާ ސަރުކާރާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމުގައި ހުރަހަކަށްވެފައި ވަނީ ޗައިނާ އާއި ރަޝިޔާ އެވެ.
އދ.ގެ އަންޑަ ސެކްރެޓަރީ ފޯ ޕޮލިޓިކަލް އެފެއާޒް ޖެފްރީ ފެލްޓްމަން މިއަންމާ އަށް ވަޑައިގެން ފަސް ދުވަސްވަންދެން މަސައްކަތް ކުރެއްވި ނަމަވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. ފެލްޓްމަންގެ ދަތުރާ ބެހޭ ރިޕޯޓް ސަލާމަތީ މަޖިލީހަށް ހުށަހަޅަން ވަނީ ހަމަޖެހިފަ އެވެ.