04 ޖުލައި 2016 - 07:59

ބޮލީވުޑްގެ އެންމެ އަލިގަދަ ތަރިންގެ ދަރިންނަކީ މިހާރު ފިލްމު އިންޑަސްޓްރީ ފަތަހަކުރަން ނިކުންނަން ކެތް މަދުވެފައި ތިބި ބައެކެވެ. ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު ވެސް އެމީހުންގެ ފޭވަރިޓް ތަރިންގެ ދަރިން ފިލްމު ކުޅެން ފަށާނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި ދަނީ އިންތިޒާރު ކުރަމުންނެވެ.
މިހާރު ފިލްމުތަކުގައި މަސައްކަތްކުރާ އެންމެ ވަރުގަދަ އެކްޓަރުންގެ ދަރިންގެ ތެރެއިން އެންމެ އަވަހަށް ފިލްމީ ދުނިޔެއަށް ތައާރަފްވާނީ ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާނާއި ޝްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު ކަމަށް ބެލެވެ އެވެ.
ޝާހްރުކްގެ ކުރިމަގުގައި އުޖާލާކޮށްދޭނެ ކުޅަދާނަ އެކްޓަރަކަށް އާރްޔަން ވާނެ ކަމާ މެދު ގިނަ ބަޔަކު މިހާރުވެސް ޝައްކެއް ނުކުރެ އެވެ. އާރްޔަންގެ ހެދެމުންއަންނަ ދިގު އިސްކޮޅާއި ރީތި ހަށިގަނޑު އަދި އަންހެންކުދިންގެ ހިތްތައް އަތުލާ ފަދަ ރީތިކަމުގެ ސަބަބުން އޭނާގެ ފޭނުން މިހާރުވެސް ވަރަށް ގިނަ އެވެ.
ޖާންވީ އަކީ ވެސް ގިނަ ބައެއްގެ އުންމީދުތައް ގުޅިފައިވާ ކުއްޖެކެވެ. އޭނާގެ މަންމަ ޝްރީދޭވީ އަކީ މިހާތަނަށް ހިންދީ ފިލްމީ ދުނިޔޭން ފެނުނު އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. އެހެންކަމުން މަންމަގެ ހުނަރު ޖާންވީގެ ކިބައިގައި ހުންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.
މި ދެ ތަރިން ފިލްމު ކުޅެން ތައްޔާރުވަމުންދިޔަ ނަމަވެސް އަދި ދިގު އިންތިޒާރެއް ކުރަން ޖެހެ އެވެ. ސަބަބަކީ ޖާންވީ އާއި އާރްޔަން އަދި ތައްޔާރުވަމުން ދަނީ އެކްޓިން އާއި ފިލްމު އުފެއްދުމާ ބެހޭ ގޮތުން ކިޔެވުމަށް ކެލިފޯނިއާ އަށް ދާން ކަމަށް ވާތީ އެވެ.
ދާދިފަހުން ލަންޑަންގެ ސްކޫލަކުން ގްރެޖުއޭޓްވި ޝާހްރުކްގެ ދަރިފުޅު ދަނީ ފިލްމް މޭކިން ކޯހެއް ފުރިހަމަކުރަން ޔޫއެސްސީ ސްކޫލް އޮފް ސިނެމެޓިކް އާޓްސް އަށެވެ. މިއީ ލޮސް އެންޖަލިސްގައި ހުންނަ އެންމެ ޒަމާންވީ އަދި ގިނަ ބަޔެއްގެ ގަދަރާއި އިހްތިރާމް ލިބިފައިވާ މަޝްހޫރު ތަނެކެވެ.
ޖާންވީ ހަމަ މި ތަނުން އެކްޓިން ކޯހެއް ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދެ ކުދިން ވެސް ފިލްމު ކުޅެން ފަށާނީ އެކްޓްކުރުމާ ބެހޭ ހުރިހާ ކަމެއް ރަނގަޅަށް ކިޔެވުމަށް ފަހުގަ އެވެ.
އާރްޔަން އާއި ޖާންވީ ނޫނަސް ވަރަށް ގިނަ ސްޓާރުންގެ ދަރިން ފިލްމު ކުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ އާއި ޝްރީދޭވީގެ ހަގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރު، އަމީތާބު ބައްޗަންގެ ކާފަދަރިފުޅު ނަވްޔާ ނަވޭލީ އަދި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ ހިމެނެ އެވެ. ނަމަވެސް މިކުދިން އަދި ފިލްމީ މައިދާނަށް ނުކުންނާނީ ތައުލީމު ފުރިހަމަ ކުރުމަށްފަހު ކަމަށް ބެލެވެ އެވެ.