19 އޮކްޓޯބަރ 2017 - 14:32

މެޑްރިޑް (އޮކްޓޯބަރު 19) - ކެޓަލޯނިއާ އަށް ދީފައިވާ ސަރަހައްދީ މިނިވަންކަމުގެ ބާރު ސަސްޕެންޑްކޮށް ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ދަށުން ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ހިންގާނެ ކަމަށް ބޮޑު ވަޒީރުގެ އޮފީހުން ބުނެފި އެވެ.
ސްޕޭނުގެ ބޮޑު ވަޒީރު މާރިއާނޯ ރަޔޯގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ އެ ނިންމުމަށް ސެނެޓުގެ ރުހުން ހޯދުމަށް ހޮނިހިރު ދުވަހު ފޮނުވާނެ ކަމަށެވެ. ސެނެޓުގެ އަޣުލަބިއްޔަތު އޮންނަނީ ރަޔޯގެ ޕޮޕިއުލާ ޕާޓީއަށެވެ. ކެޓަލޯނިއާ އަށް ދީފައި އޮތް މިނިވަންކަން ސަސްޕެންޑް ކުރަން ނިންމީ ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑެމޮން ފޮނުވި ސިޓީއާ ގުޅިގެންނެވެ. އެ ސިޓީގައި ޕުޖްޑެމޮން ވަނީ ކެޓަލޯނިއާގެ މިނިވަންކަމާ ގުޅޭ މަޝްވަރާތަކަށް ހުރަސް އަޅާ، 155 ވަނަ މާއްދާގެ ބޭނުން ކުރަން އުޅެފި ނަމަ މިނިވަންކަން އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ. ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމާ ގުޅޭ ގޮތުން ސަރަހައްދީ ޕާލަމެންޓުގައި ވޯޓު ނަގާނެ ކަމަށް ވެސް ޕުޖްޑެމޮން ވަނީ ވިދާޅުވެފަ އެވެ.
ސްޕޭނުގެ ގާނޫނު އަސާސީ 1978 ވަނަ އަހަރު ތަސްދީގު ކުރި ފަހުން 155 ވަނަ މާއްދާ އަށް އަމަލުކޮށްފައެއް ނުވެ އެވެ. އެ މާއްދާގެ ދަށުން ސްޕޭނުގެ މައި ސަރުކާރުން ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ފޯރުވެވޭނެ އެވެ.
ކެޓަލޯނިއާގެ މިނިވަންކަމާ ގުޅޭ ގޮތުން މި މަހު 1 ވަނަ ދުވަހު ނެގި ވޯޓަށް ފަހު މައި ސަރުކާރާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފަ އެވެ. ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 2.25 މިލިއަން މީހުންގެ ތެރޭން 90 ޕަސެންޓް މީހުން ވަނީ ކެޓަލޯނިއާގެ މިނިވަން ކަމަށް ތާއީދު ކޮށްފަ އެވެ.