ޓާޓާ ފުލެޓުތައް މަހަކު 9700ރ ކުއްޔަކަށް ދެވޭނެ: ޝިފާ
ޓާޓާ ފުލެޓުތައް މަހަކު 9700ރ ކުއްޔަކަށް ދެވޭނެ: ޝިފާ

އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ގާކޮއްޓާއި އަރަބިއްޔާގެ އެޕާޓްމަންޓެއް މަހަކު 9،700 ރުފިޔާއަށް ކުއްޔަށް ދެވެން ޖެހޭނެ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝިފާ އެގޮތަށް މި ވިދާޅުވީ އެ ދެ ބިމުގައި ހަދާފައިވާ އެޕްޓާމަންޓްތަކުގެ އަގު 2 މިލިއަނަށް ބޮޑުކުރުމުން މަހަކު ދައްކަން ޖެހޭ އަަދަދު މަތިވެފައި ވަނިކޮށެވެ.

ސަރުކާރުން ބުނާ ގޮތުގައި އެޕާޓްމަންޓްތަކުގެ އަގު ބޮޑުވީ އެ ދެ ތަން އިމާރާތްކުރި އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ޖެހުމުންނެވެ. މިއީ އެ ދެ އިމާރާތް ހަދަން ހަވާލުކުރި އެމްޑީޕީ ސަރުކާރުން އޭރު ބުނި އަގަށް ވުރެ މާ ބޮޑު އަގެކެވެ.

މިހާރުގެ ސަރުކާރުން ބުނާ ގޮތުގައި އެޕާޓްމަންޓްތަކުގެ އަގު ބޮޑުވީ އެމްޑީޕީ ސަރުކާރުން އެ ދެ އިމާރާތުގެ އެއްބަސްވުން ހަދާފައި އޮތް ގޮތުންނެވެ. އެއީ ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

އެކަމަކު ސިޓީ ކައުންސިލަށް ހަތް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާ ވިދާޅުވީ ކޮންމެ ފްލެޓަކަށް ހޭދަވީ 1.2 މިލިއަން ރުފިޔާކަމުން މަހަކު 9،700ރ އަށް ކުއްޔަށް ދެވެން ޖެހޭނެ ކަމަށެވެ.

"އެތަންތަން މުއްސަނދިންނަށް ވިއްކަމުން ދިއުމަކީ ހިތާމަކުރާ ކަމެއް،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގައި ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ފުލެޓު ދިނުމުގެ ބަދަލުގައި މުއްސަނދިންނަށް އެތަންތަން ވިއްކާތީ ކަންބޮޑުވެ އެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އަދި ފުލެޓަށް ދައްކަން ޖެހޭ ދެ މިލިއަން ރުފިޔާ ހޯދޭނެ ފުރުސަތު ތަނަވަސްކޮށްދޭން މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ހާއްސަ ލޯން ސުކީމެއް ވެސް ތައާރަފްކޮށްފަ އެވެ. އެކަމަކު އެ ލޯނަށް ޝަރުތު ހަމަވެ، ލޯނު ލިބޭނެކަން ކަށަވަރުވީ ނިިސްބަތުން މަދު ބަޔަކެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ހާއްސަ ލޯނު ސްކީމްގެ ތެރެއިން 47 މީހަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ ލޯނު ހަމަޖައްސައިދީފަ އެވެ. އެ ލޯނަށް 100 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ ފައިސާ ނުދައްކާ ހުރި ފްލެޓްތައް ކޮންޓްރޯލް އަގެއްގައި ވިއްކާލާ ގޮތަށެވެ. އެކަމަކު އަލުން ވިއްކާ އަގުތައް އަދި އިއުލާނެއް ނުކުރެ އެވެ.