ވިލިނގިލީގައި އެކްސިޑެންޓުވި ފުލުސްމީހާގެ ހާލު ސީރިއަސް، ބޭރަށް ގެންދަން ލަފާދީފި
ވިލިނގިލީގައި އެކްސިޑެންޓުވި ފުލުސްމީހާގެ ހާލު ސީރިއަސް، ބޭރަށް ގެންދަން ލަފާދީފި

ގއ. ވިލިނގިލީގައި އިއްޔެ ގެނބުނު ދެމަފިރިން ސަލާމަތް ކުރަން ދަނިކޮށް ހިނގި އެކްސިޑެންޓުގައި އަނިޔާވި ފުލުސްމީހާގެ ހާލު ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް ބޭރަށް ގެންދަން ޑޮކްޓަރު ލަފާދީފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ލާންސްކޯޕްރަލް އަހުމަދު ނަދީމްގެ މޫނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ބޮލަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދާފައިވާ ކަމަށާއި އިތުރު ފަރުވާއަށް ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ވިލިނގިލީގައި އިއްޔެ ގެނބުނު ދެމަފިރިން ސަލާމަތްކުރަން ދަނިކޮށް މި އެކްސިޑެންޓު ހިނގީ ރަށުގެ ތުނޑީކޮޅާ ދިމާލަށް ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އަނެއް ސައިކަލުގައި އިން ފިރިހެން މީހާއަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.

ގެނބުނު ހާދިސާގައި، ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އައި ޕޮލިސް ކޮންސްޓަބްލް މުހައްމަދު ހަނީފު ވަނީ އިއްޔެ މަރުވެފަ އެވެ.