"ޖަގް ގޫމިޔާ" ގެ އަނުޝްކާގެ ވާާޝަން ރިލީޒްކޮށްފި
"ޖަގް ގޫމިޔާ" ގެ އަނުޝްކާގެ ވާާޝަން ރިލީޒްކޮށްފި

ސަލްމާން ޚާނާއި އަނުޝްކާ ޝަރުމާގެ "ސުލްތާން"ގެ އެންމެ މަޝްހޫރު ލަވަ "ޖަގް ގޫމިޔާ"ގެ އަނުޝްކާގެ ވާޝަން ރިލީޒްކޮށްފި އެވެ. މިއީ ފިލްމަށް ގިނަ ބައެއްގެ ސަމާލުކަން އިތުރުކުރުމަށް މިހާރު އަލަށް ފަށާފައިވާ މާކެޓިން އުކުޅެކެވެ.

މި ލަވައިގެ ފުރަތަމަ ރިލީޒްކުރި ފިރިހެން ވާޝަން ކިޔައިދީފައި ވަނީ ލަވަކިޔުންތެރިޔާ ރާހަތު ފާތިހް އަލީ ޚާން އެވެ. އޭގެ ފަހުން ސަލްމާން ޚާންގެ އަޑުން ވެސް މި ލަވަ ރެކޯޑްކޮށް ރިލީޒްކޮށްފައިވެ އެވެ. އަދި އެންމެ ފަހުން މިހާރު މި ނުކުތީ އަންހެން ވާޝަން އެވެ. އަނުޝްކާ މި ލަވައިގައި ހަރަކާތްތެރި ވިޔަސް ލަވަ ކިޔައިދީފައި ވަނީ ނެހާ ބަސީން އެވެ.

މި ލަވަ ޝޫޓްކުރިއިރު އަނުޝްކާ ވަރަށް ރުޅިގަދަވެގެން އުޅުނު ކަމަށްވެ އެވެ. އެއީ ކުރިން ލަވައިގެ މަންޒަރުތައް ނަގަން ހަމަޖެހިފައި އޮތީ އާލިއާ ބަޓްގެ "މައި ތެނު ސަމްޖާވާންކޭ" ލަވައާ ދާދި އެއްގޮތަކަށް ކަމަށް ވާތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ލަވަ އުފެއްދި ފަރާތުން ކުރިން ބޭނުންވީ އަނުޝްކާ ސްޓޫލެއްގައި އިނދެގެން އަތުން މައިކެއް ހިފައިގެން މި ލަވަ ކިޔާށެވެ. ނަމަވެސް އާލިއާގެ ވީޑިއޯއާ މާ އެއްގޮތްވާ ކަމަށް ބުނެ އަނުޝްކާ މައްސަލަ ޖެއްސުމުން މިހާރު ޝޫޓްކޮށްފައި ވަނީ ވަރަށް ތަފާތު ގޮތަކަށެވެ.

އެއް ބަޔަކަށް، މި ލަވަ ކިޔައިދީފައިވާ ލަވަކިޔުންތެރިޔާގެ އަޑު އެހާ ކަމަކު ނުދެ އެވެ. ނަމަވެސް އަނުޝްކާގެ އެކްޓިން ވަރަށް ފުރިހަމަކަމަށް އެންމެން ވެސް އެއްބަސްވެފައިވެ އެވެ.

"ސުލްތާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ ޖުލައި 6 ވަނަ ދުވަހު އެވެ. އެއީ މިއަހަރުގެ ފިތުރު އީދަށް ވާނެކަމަށް އެންމެ ބޮޑަށް ލަފާ ކުރެވޭ ދުވަހެވެ.