މުއްސަނދިން މުއްސަނދިވެ، ޓްރަމްޕުގެ މުއްސަނދިކަން ދަށަށް
މުއްސަނދިން މުއްސަނދިވެ، ޓްރަމްޕުގެ މުއްސަނދިކަން ދަށަށް

ވޮޝިންޓަން (އޮކްޓޯބަރު 19) - އެމެރިކާގެ ބިލިއަނަރުންގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނިވަޑައިގެންނެވި ނަމަވެސް އަހަރުން އަހަރަށް އެމަނިކުފާނުގެ މުއްސަނދިކަން ދަށަށްދާ ކަމަށް ފޯބްސް މަޖައްލާ އިން ބުނެފި އެވެ.

މުއްސަނދިން މުއްސަނދިވެ، ޓްރަމްޕުގެ މުއްސަނދިކަން ދަށަށް
މުއްސަނދިން މުއްސަނދިވެ، ޓްރަމްޕުގެ މުއްސަނދިކަން ދަށަށް

މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާ އިރު ޓްރަމްޕުގެ މުއްސަނދިކަން ވަނީ 600 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. ފޯބްސްގެ ހިސާބުތައް ދައްކާ ގޮތުން ޓްރަމްޕުގެ މިލްކިއްޔާތުގައި މިހާރު ހުރީ 3.1 ބިލިއަން ޑޮލަރެވެ. އެމެރިކާގެ މުއްސަނދިން ލިސްޓަށް ބަލާއިރު ވެސް ޓްރަމްޕް ވަނީ 92 ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. އެމެރިކާގެ އެންމެ މުއްސަނދި 400 މީހުންގެ ތެރޭން އެންމެ އަވަހަށް ވެއްޓެމުންދާ ބިލިއަނަރަކީ ޓްރަމްޕް ކަމަށް ފޯބްސް އިން ބުނެ އެވެ. ފޯބްސްގެ ލިސްޓުގައި ޓްރަމްޕް ވަނީ 248 ގަ އެވެ. ފޯބްސްގެ ލިސްޓް 1982 ވަނަ އަހަރު ޝާއިއު ކުރަން ފެށި ފަހުން އެމެރިކާގެ އެންމެ މުއްސަނދި 400 މީހުންގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ޓްރަމްޕް ހިމެނިވަޑައިގަންނަވަ އެވެ.

ޓްރަމްޕުގެ މުއްސަނދިކަން ދަށަށްދާ ސަބަބުތައް ކަމަށް ފޯބްސް އިން ފާހަގަކޮށްފައި ވަނީ ނިއު ޔޯކުގެ ރިއަލް އެސްޓޭޓް ވިޔަފާރި ދަށްވުމާއި ޓްރަމްޕް ޔުނިވާސިޓީގެ މައްސަލަ ހައްލު ކުރަން 25 މިލިއަން ޑޮލަރު ދެއްކުމާއި ރިޔާސީ ކެމްޕޭނަށް 66 މިލިއަން ޑޮލަރު ހޭދަކުރުން ފަދަ ކަންކަމެވެ.

ނިއު ޔޯކް ސިޓީގައި ޓްރަމްޕުގެ ރިއަލް އެސްޓޭޓުގެ އަގު 1.6 ބިލިއަން ޑޮލަރަށް އަރަ އެވެ. އެހެން ހިސާބުތަކުގައިވާ ޓްރަމްޕުގެ ރިއަލް އެސްޓޭޓުގެ އަގު 500 މިލިއަން ޑޮލަރަށް އަރަ އެވެ. ޓްރަމްޕުގެ ގޮލްފް ކޯސްތަކާއި ކްލަބުތަކުގެ އަގު 570 މިލިއަން ޑޮލަރަށް އަރަ އެވެ. ޓްރަމްޕުގެ ބްރޭންޑް ވިޔަފާރީގެ އަގަކީ 200 މިލިއަން ޑޮލަރެވެ. ޓްރަމްޕުގެ ނަގުދު ފައިސާ އަދި އަމިއްލަ ނަމުގައި ހުރި ތަކެތީގެ އަގު 290 މިލިއަން ޑޮލަރަށް އަރަ އެވެ.

1. ބިލް ގޭޓްސް - 89 ބިލިއަން ޑޮލަރު (ޖެހިޖެހިގެން 24 އަހަރު، 8 ބިލިއަން ޑޮލަރު އިތުރު)

2. ޖެފް ބެޒޯސް - 81.5 ބިލިއަން ޑޮލަރު (14.5 ބިލިއަން ޑޮލަރު އިތުރު)

3. ވަރެން ބުފޭ - 78 ބިލިއަން ޑޮލަރު (12.5 ބިލިއަން ޑޮލަރު އިތުރު)

4. މާކް ޒުކަބާގު - 71 ބިލިއަން ޑޮލަރު (15.5 ބިލިއަން ޑޮލަރު އިތުރު)

5. ލެރީ އެލިސަން - 59 ބިލިއަން ޑޮލަރު (9.7 ބިލިއަން ޑޮލަރު އިތުރު)

6. ޗާލްސް ކޮޗް - 48.5 ބިލިއަން ޑޮލަރު (6.5 ބިލިއަން ޑޮލަރު އިތުރު)

7. ޑޭވިޑް ކޮޗް - 48.5 ބިލިއަން ޑޮލަރު (6.5 ބިލިއަން ޑޮލަރު އިތުރު)

8. މައިކަލް ބްލޫމްބާގު - 46.8 ބިލިއަން ޑޮލަރު (1.8 ބިލިއަން ޑޮލަރު އިތުރު)

9. ލެރީ ޕޭޖް - 44.6 ބިލިއަން ޑޮލަރު (6.1 ބިލިއަން ޑޮލަރު އިތުރު)

10. ސާގޭ ބްރިން - 43.4 ބިލިއަން ޑޮލަރު (5.9 ބިލިއަން ޑޮލަރު އިތުރު)