ވައިލްޑް ކާޑުން ޕްރިޔަންކް އަލުން "ބިގް ބޮސް" އަށް
ވައިލްޑް ކާޑުން ޕްރިޔަންކް އަލުން "ބިގް ބޮސް" އަށް

ކަލާޒް ޗެނަލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 11 ވަނަ ސީޒަންގެ ބައިވެރިން ބިގް ބޮސްގެ ގޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. ކުރީގެ ސީޒަންތަކަށް ވުރެ މާ އަވަހަށް މިފަހަރު ބިގް ބޮސް ގޭތެރެ ވަނީ ހަލަބޮލިވެފަ އެވެ. ޒުވާބުކުރުމާއި ގަޔަށް އަތްލާ ހިސާބަށް ވަރަށް ގިނަ ފަހަރު އެކި ބައިވެރިން ކަންތައްތައް ދުއްވާލާފައި ވެ އެވެ.

"ބިގް ބޮސް" ގެ މިފަހަރުގެ ސީޒަންގައި އެންމެ ފޭވަރިޓް އެކަކީ ޕްރިޔަންކް ޝަރުމާ އެވެ. ނަމަވެސް ޕްރިޔަންކް ވަނީ "ބިގް ބޮސް"ގެ ގެޔަށް އަލްވަދާއު ކިޔައިފަ އެވެ. އެކަމާ ހިތްދަތިވެފައި ތިބި އޭނާގެ ފޭނުންނަށް އަނެއްކާވެސް އުފާވެރިކަމުގެ ޚަބަރެއް މިހާރު ވަނީ ލިބިފަ އެވެ. ވައިލްޑް ކާޑު ބޭނުންކޮށް އޭނާ މި ޝޯއަށް އަލުން ގެންނަން ޕްރިޔަންކް ވަނީ ޔަގީން ކޮށްދީފަ އެވެ.

ޕްރިޔަންކް ބިގްބޮސްގެ ގެެއިން ބޭރުކުރީ އާކާޝް ދަދްލާނީއާ އެކު ހިނގި އަރާރުމެއްގައި އޭނާ އާކާޝް ކޮއްޕާލުމުގެ ސަބަބުންނެވެ. ޕްރިޔަންކްގެ ރީތިކަމުން އޭނާގެ ފޭނުންނަށް ވެފައި ތިބި ގިނަ މީހުން، އެހާ އަވަހަށް އޭނާ ގެއިން ބޭރުކޮށްލުމުން ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ޕްރިޔަންކް ބުނި ގޮތުގައި މިފަހަރު އޭނާ އުޅޭނީ ޝޯގެ ހޯސްޓް ސަލްމާން ޚާން ދިން ނަސޭހަތާ އެއްގޮތަށް ވަރަށް ބަސް އަހައިގެންނެވެ. އަދި ކާމިޔާބު ހޯދައިގެން ނޫނީ އަލުން ބިގް ބޮސްގެ ގެއިން ނުނިކުންނަން ޕްރިޔަންކް ވަނީ އަޒުމުކަނޑައަޅާފަ އެވެ.

ޕްރިޔަންކާ އެކު ދެން ވައިލްޑް ކާޑުގެ ޒަރިއްޔާއިން ވަންނަނީ ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު ދިންޗަކް ޕޫޖާ އެވެ. ދިންޗަކް ޕޫޖާ އަކީ އާ ވައްތަރެއްގެ ޕޮޕް މިއުޒިކެއް ކަމަށްވާ ކްރިންޖް-ޕޮޕް އިންޑިޔާއަށް ތައާރަފްކޮށްގެން މަޝްހޫރުކަން ހޯދި މީހެކެވެ. ކްރިންޖް-ޕޮޕް އަކީ އެ ލަވައެއް ހުތުުރުކަމުން ގޮސް ލަވަ އަޑުއެހުން ހުއްޓާ ނުލެވޭ ޒާތުގެ ލަވަ ތަކެކެވެ.

މިހާރު ސުވާލަކީ ދިންޗަކް ޕޫޖާގެ ލަވައިގައި ބިގް ބޮސް ހައުސްގައި މިހާރު ތިބި މީހުން ވެސް ބައިވެރިވާނެތޯ އެވެ؟ ނޫން ނަމަ އޭނާއަށް ވެސް ޖެހޭނީ ލަވަ ކިޔުން ހުއްޓާލާފައި އެމީހުންނާ އަރާރުންވާން ހެއްޔެވެ؟

ބިގް ބޮސްގެ މިފަހަރުގެ ސީޒަންގައި ގިނައިން ބައިވެރިވެފައި ވަނީ އާއްމުންނަށް އެހީ ދެކެ ފަރިތަ ނޫން މޫނު ތަކެކެވެ. ޓީވީ ތަރިންގެ ތެރެއިން މިފަހަރުގެ ޝޯގައި ބައިވެރިވެފައި ވަނީ "ޔޭ ރިޝްތާ ކިހާ ކެހެލާތާހޭ"ގެ ލީޑް ރޯލު އެންމެ ކުރިން އަދާކުރި ހިނާ ޚާން އާއި "ކުތުމްބް" ފަދަ ސިލްސިލާތަކުން މަޝްހޫރުވި ބަތަލު ހިތެން ތޭޖްވާނީ އަދި "ބާބީޖީ ގަރް ޕަރް ހޭ" އިން ދާދިފަހުން ފެނިފައިވާ ޝިލްޕާ ޝިންޑޭ އެވެ.