19 އޮކްޓޯބަރ 2017 - 12:47

ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅޭ ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ)ގެ ކަކުލަށް ލިބިފައިވާ އަނިޔާ ސީރިއަސްވެ އޭނާ އަށް ސީޒަނުގެ ބާކީބައިގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް އެ ޓީމުން ބުނެފި އެވެ.
އުމުރުން 31 އަހަރުގެ އައްމަޑޭ އަކީ މި ސީޒަނުގައި ގްރީން ސްޓްރީޓްސްގެ ފޯވާޑް ލައިނުގައި އެންމެ މުހިއްމު އެއް ކުޅުންތެރިއާ އެވެ. އައްމަޑޭގެ ކަކުލަށް އަނިޔާވީ މިދިޔަ މަހު 17 ވަނަ ދުވަހު އއ. މާޅޮސް އަތުން 5-0 އިން ގްރީން ސްޓްރީޓްސް މޮޅުވި މެޗުގަ އެވެ.
ލީގުގައި މާދަމާރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ އައްމަޑޭ މި ސީޒަނުގެ ބާކީ ބައިގައި ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަދި ހުރި ސްޓޭޖުން އަޅުގަނޑު އުއްމީދެއް ނުކުރަން އައްމަޑޭ އަށް ކުޅެވިދާނެކަމަށް. ތަދު އެބަހުރި. މެޑިކަލީ ހުރި ސްޓޭޖުން ވާނުވާއެއް އަދި ނޭނގޭ ސާޖަރީ އަކަށްތޯ ދާން ޖެހޭނީ ނޫނީ ފިޒިއޯ ހަދަންވީ ކަމެއް،" ސޮބާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ގްރީން ސްޓްރީޓްސްގެ މެނޭޖަރު އިލްޔާސް އުމަރު "މިހާރަ"ށް ބުނީ އައްމަޑޭގެ އަނިޔާގެ ތަފްސީލެއް އަދި ނޭނގޭ ކަމަށެވެ.
"ފުރަތަމަ ޑޮކްޓަރަށް ދެއްކީމަ ބުނީ ތިން ހަފްތާ ތެރޭގައި ރަނގަޅުވާނެ ކަމަށް. އެކަމަކު ތިން ހަފްތާ ވީއިރު ވެސް ރަނގަޅު ނުވާތީ އަދިވެސް އަޅުގަނޑުމެން މި ބަލަނީ ވާގޮތެއް. ދެން މި ހަފްތާ އަށް ފަހު ތަދު ނުވަންޏާ ލައިޓް ޕްރެކްޓިސްގައި ބައިވެރިވާނެ. އެއަށް ފަހު ވެސް ރަނގަޅު ނުވަންޏާ ރާއްޖެއިން ބޭރަށް ދާން ނިންމާފައި އޮތީ،" އޭނާ ބުންޏެވެ.
ކުރިން މާޒިޔާ އާއި އީގަލްސް އަށް ކުޅުނު އައްމަޑޭ މި ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ބަދަލުވުމުން އޭރު ސޮބާ ބުނީ ތަޖުރިބާ އާއި މަސައްކަތްކުރާ މިންވަރަށް ބަލާއިރު އައްމަޑޭ އަކީ އަދިވެސް ތަފާތު ދެއްކޭނެ ކުޅުންތެރިއެކެވެ. މާލޭ ލީގުގެ ދެ ވަނަ ގްރީން ސްޓްރީޓްސް އިން ހޯދިއިރު، އައްމަޑޭގެ ދައުރު ބޮޑެވެ.
އައްމަޑޭ ވަނީ މި ފަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާއި އޮމާނާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު ދެ މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދައިފަ އެވެ. އަދި މީގެ ތެރެއިން ތިމްޕޫގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އައްމަޑޭ ކުޅުނެވެ. އެންމެ ފަހުން އޮމާނާ ދެކޮޅަށް ކުޅުނު މެ
ދިވެހި ޕްރިމިއާ ލީގުގައި އައްމަޑޭ ނުލައި ގްރީން ސްޓްރީޓްސް އިން ކުޅުނު ދެ މެޗުގައި ޓީސީ އާއި މާޅޮސް އަތުން ވަނީ ބަލިވެފަ އެވެ. އައްމަޑޭ ނެތުމަކީ އެ ޓީމުގެ ފޯވާޑް ލައިނަށް ލިބޭނެ ބަލިކަށިކަމެކެވެ. ގްރީން ސްޓްރީޓްސް މި ވަގުތު ލީގުގެ ހަތަރު ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކު އެވެ.