ބޭރުގެ އެއާޕޯޓުތަކުގައި ޕާސްޕޯޓު ކާޑު ބޭނުމެއް ނުކުރެވޭނެ: އިމިގްރޭޝަން
ބޭރުގެ އެއާޕޯޓުތަކުގައި ޕާސްޕޯޓު ކާޑު ބޭނުމެއް ނުކުރެވޭނެ: އިމިގްރޭޝަން

ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރެވޭ ގޮތަށް ރާއްޖޭގައި ތައާރަފް ކުރި ޕާސްޕޯޓް ކާޑު ބޭރުގެ އެއާޕޯޓުތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ ޕާސްޕޯޓް ކާޑު އޮތް މީހަކަސް، ރާއްޖެ އިން ބޭރަށް ދަތުރުކުރާ ނަމަ، ޕާސްޕޯޓް ގެންދަން ޖެހޭނެ ކަމަށެވެ.

ޕާސްޕޯޓް ގެންދިއުމާއި ނުގެންދިއުން ބިނާ ވަނީ ދެ ގައުމެއްގެ ދޭތެރޭގައި އޮންނަ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކޮށްގެން ބޭރުގެ އެއާޕޯޓުތަކުގައި ޕާސްޕޯޓް ކާޑު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރާ ކަމަށެވެ.

"މި ވަގުތަކު އެކަހަލަ އެގްރީމަންޓެއް ހެދިފައެއް ނެތް. ނަމަވެސް ކުރިއަށް އޮތް މުސްތަގުބަލުގައި އެކަހަލަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އާ ޕާސްޕޯޓް ފުރަތަމަ ތައާރަފްކުރި އިރު، އެހެން ގައުމުތަކުގެ އީ-ގޭޓުތަކުގައި ބޭނުމެއް ނުކުރެވެ އެވެ. އެކަމަކު، ސަރުކާރުން ކުރި މަސައްކަތުން އެ ހިދުމަތް ވެސް މިހާރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.

"ދެ ގައުމެއްގެ ދޭތެރޭގައި ކުރެވޭ ކަންތައްތަކަށް ދުވަސް ނަގާނެ. އެއީކީ އޯވާ ނައިޓަކުން ކުރެވޭނެ ކަންތައްތަކެއް ނޫން. ފުރަތަމަ އަޅުގަނޑުމެން އިތުބާރު ހުރި ކާޑެއް ތައާރަފް މި ކުރީ،" އޭނާ ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ ރާއްޖެ އިން ފުރައިގެން ދާއިރު އާއި އެތެރެވާއިރު، ޕާސްޕޯޓް އޮތްތޯ އިމިގްރޭޝަނުން ސުވާލެއް ނުކުރާނެ އެވެ. ނަމަވެސް، ޕާސްޕޯޓު އަބަދުވެސް ގެންގުޅުމަށާއި ޕާސްޕޯޓު ކާޑު އައުމާއެކު، ޕާސްޕޯޓް ނެތިގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކާޑު ހައްދައި މިދެނީ ވެސް ޕާސްޕޯޓު އޮންނަ ފަރާތަކަށް. އެއީ ޕާސްޕޯޓާ އެކު ދާ އެއްޗެއް. ޕާސްޕޯޓް މުއްދަތު ހަމަވީމަ، ކާޑުގެ މުއްދަތު ވެސް ހަމަވާނެ،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ފާހަގަ ކުރެއްވި ގޮތުގައި ޕާސްޕޯޓު ގެއްލިއްޖެ ނަމަ، ބޮޑު އަދަދަކުން ޖޫރިމަނާ ކުރެ އެވެ. އެކަމަކު ޕާސްޕޯޓް ކާޑު ގެއްލިއްޖެ ނަމަ، އިމިގްރޭޝަނުން ޖޫރިމަނާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ބޭނުންތައް ކުރެވޭ ގޮތަށް ރާއްޖޭގައި ތައާރަފް ކުރި ޕާސްޕޯޓް ކާޑަށް އެދޭ ފޯމު އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. ޕާސްޕޯޓް ކާޑު ހަދަން 450ރ. ގެ ފީއެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ މާސްޓަ ކާޑުގެ ބޭނުންތައް ވެސް ޕާސްޕޯޓް ކާޑުން ހިފޭނެ އެވެ. ޕާސްޕޯޓް ކާޑުގައި، އައިޑީ ކާޑާއި ލައިންސަންސް ކާޑު ހިމެނޭއިރު، ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ކާޑު ބޭނުން ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި އެލައިޑް އިންޝުއަަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ލިބެ އެވެ.