ކަރީނާ ބަނޑުބޮޑަސް "ވީރު ދީ ވެޑިން" ކުޅެދޭނެ: ޕްރޮޑިއުސަރު
ކަރީނާ ބަނޑުބޮޑަސް "ވީރު ދީ ވެޑިން" ކުޅެދޭނެ: ޕްރޮޑިއުސަރު

ފިލްމީ ބަތަލާ ކަރީނާ ކަޕޫރު ބަލިވެ އިންކަން އޭނާގެ ފިރިމީހާ އަދި އެކްޓަރު ސައިފް އަލީ ޚާން ވަނީ މިދިޔަ ހުކުރު ދުވަހު އިއުލާންކޮށްފަ އެވެ. ސައިފް ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އާއި ކަރީނާގެ ފުރަތަމަ ދަރިފުޅު އުފަން ވާނީ އަންނަ ޑިސެމްބަރު މަހު ކަމަށެވެ.

އެހެންކަމަށްވާ ނަމަ ކަރީނާގެ ބަނޑަށް މިހާރު ހަތަރު މަހެވެ. އެހެންވެ، އޭނާ މިހާރު ކުޅެން އެއްބަސްވެފައިވާ "ވީރް ދީ ވެޑިން" އަށް ވާނެ ގޮތަކާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ކަރީނާއާ އެކު ސޯނަމް ކަޕޫރާއި ސްވާރާ ބާސްކަރް ލީޑްރޯލު ކުޅޭ މިފިލްމު ފަށަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހު އެވެ.

"ވީރް ދީ ވެޑިން"ގެ ޕްރޮޑިއުސަރު ރިއާ ކަޕޫރު ވަނީ ފިލްމު އުފެއްދިދާނެ ކަމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ބުނެފަ އެވެ. ރިއާ ބުނި ގޮތުގައި ކަރީނާ ބަލިވެއިންކަން އެނގުމުން އޭނާ އާއި ފިލްމުގެ އަނެއް ޕްރޮޑިއުސަރު އެކްތާ ކަޕޫރު ތިބީ ވަރަށް އުފަލުންނެވެ. އަދި މަންމައަކަށް ވުމަށް ކަރީނާ ކުރާ ދަތުރުގައި އޭނާއާ އެކު ބައިވެރިވެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ރިއާ ބުނެފައިވެ އެވެ.

"ބޭބީ (ކަރީނާ) އަކީ ވަރަށް ޕްރޮފެޝަނަލް ބަތަލާއެއް. އެހެންވީމަ ބަނޑުބޮޑަސް އޮގަސްޓް މަހު ފިލްމު ފެށުމާ އެކު ކަރީނާ ފިލްމުގައި ބައިވެރިވާނެ. އަހަރެމެންގެ މި ފިލްމުގެ ރޫހަކީ ވެސް މި ޒަމާނުގެ އަންހެންކުދިންގެ ހިތްވަރު. ބަނޑުބޮޑަސް ކަރީނާ އެކްޓްކުރުން މަޑުޖައްސާލާކަށް ބޭނުމެއް ނޫން،" ރިއާ ބުނެފައިވެ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން "ވީރް ދީ ވެޑިން" އޮގަސްޓުގައި ފަށައި ސެޕްޓެމްބަރުގެ ނިޔަލަށް ޝޫޓިން ނިންމާލާނެ އެވެ. މި ފިލްމު ފިޔަވައި، މިހާރު ކަރީނާ ކުޅެން އެއްބަސްވެފައިވާ ފިލްމެއް ނެތެވެ. އެހެންކަމުން ފިލްމު ނިންމާލުމަށް ފަހު ވިހެއުމާ ދޭތެރޭ އަރާމުކުރަން ކަރީނާއަށް ތިން މަސް ލިބޭނެ އެވެ.

ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނަނީ ކެރިއަރުގެ މިހިސާބުން ދަރިއަކު ލިބުމަކީ ކަރީނާގެ މަޝްހޫރުކަމަށް ނުވަތަ އޭނާގެ ފިލްމީ ކެރިއަރަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. މިސާލަކަށް އެމީހުން ދެއްކީ މިހާރު ފިލްމު ކުޅޭ ދަރިން ލިބިފައި ތިބި ބައެއް ތަރިންނެވެ.

ކުރިން ބޮލީވުޑްގައި ކައިވެނިކޮށް ދަރިން ލިބިފައިވާ ބަތަލާއިން ބަލައިނުގަތަސް މިހާރު އެގޮތް ބަދަލުވެ ކައިވެނި ކުރުމާއި ދަރިން ލިބުމަކީ ފިލްމީ ކެރިއަރަށް ނިމުން ގެންނަން ޖެހޭނެ ސަބަބަކަށް ނުވެ އެވެ.
ފާއިތުވީ މަހެއްހާ ދުވަހު، ކަރީނާ ބަނޑުބޮޑުކަމަށް ބުނެ ދެކެވުނު ވާހަކަތައް ކަރީނާ ދިޔައީ ދޮގު ކުރަމުންނެވެ. ނަމަވެސް ސައިފްގެ ބަޔާނާ ގުޅިގެން ކަރީނާ އާ ގުޅި ރިޕޯޓަރުން ގާތު ކަރީނާ ވަނީ އޭނާ ބަނޑުބޮޑުކަން ޔަގީންކޮށްދީފަ އެވެ.