"ޕަދްމާވަތީ" އަށް ގެއްލުންދޭތީ ދީޕިކާ ރުޅި އަތުވެއްޖެ
"ޕަދްމާވަތީ" އަށް ގެއްލުންދޭތީ ދީޕިކާ ރުޅި އަތުވެއްޖެ

ރަންވީރު ސިންގް އާއި ޝާހިދު ކަޕޫރާކު ދީޕިކާ ޕަދުކޯން ކުޅެފައިވާ "ޕަދްމާވަތީ"ގެ ޝޫޓިން ފެށީއްސުރެ ފިލްމަށް ތަފާތު މައްސަލަތައް އަންނަނީ ދިމާވަމުންނެވެ. ފިލްމުގެ ޝޫޓިން އަށް ތައްޔާރުކޮށްފައި ހުރި އަގުބޮޑު ސެޓަކާއި ސެޓުގައި ހުރި އަގުބޮޑު ކެމެރާތައް ބަޔަކު ފުނޑުފުނޑު ކޮށްލި އެވެ. އަދި އޭގެ ފަހުން ވެސް ފިލްމުގެ އެހެން ސެޓެއްގައި ވެސް ރޯކޮށް އަންދާލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ފިލްމުގެ ސެޓުތަކަށް ގެއްލުން ދެނީ މި ފިލްމު އެ މީހެއްގެ ވާހަކައަށް ބިނާވެފައިވާ ރާނީ ޕަދްމާވަތީގެ ދަރިކޮޅުގެ ރާޖްޕޫތުން ކަމަށް ބުނާ އެކްޓިވިސްޓުން ތަކެކެވެ. ފިލްމުގައި ނުލަފާ ރަސްކަލެއްގެ ރޯލު އަދާކުރާ އަލާއުއްދީން ޚިލްޖީ (ރަންވީރު ސިންގް) އާއި ރާނީ ޕަދްމާވަތީ (ދީޕިކާ)ގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ދައްކާތީ ކަމަށް ބުނެފަ އެވެ. ނަމަވެސް މިފަދަ އެއްވެސް މަންޒަރެއް ފިލްމުގައި ނުހިމެނޭ ކަމުގެ ޔަގީންކަން ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ވަނީ ދީފަ އެވެ.

ނަމަވެސް ފިލްމްގެ ޕޯސްޓަރުތަކާއި ޓްރެއިލާތައް ރިލީޒްކުރަން ފެށުމާ އެކު އަނެއްކާވެސް އެކްޓިވިސްޓުންތައް އިންޒާރު ދީ ގެއްލުންތައް ދޭން ވަނީ މަސައްކަތް ފަށައިފަ އެވެ. އެގޮތުން "ޕަދްމާވަތީ" އިޝްތިހާރުކުރުމަށް މީހަކު ދެ ދުވަހުގެ ބުރަ މަަސައްކަތުން ތައްޔާރުކުރި އާޓް ވޯކެއް މި މީހުން ވަނީ ހަލާކު ކޮށްލައިފަ އެވެ.

އިންޑިޔާގެ ސޫރަތުގައި ކަރަން ކޭ ކިޔާ އާޓިސްޓަކު ތައްޔާރުކުރި މި އާޓްވޯކަކީ ކުލައިން ބިންމަތީގައި ހަދާފައިވާ ދީޕިކާގެ ފޮޓޯއެކެވެ. އޭނާ ދެ ދުވަހުގެ މަސައްކަތުން މި އާޓް ވޯކް ނިންމާލިތާ އިރުކޮޅެއް ތެރޭ މި ހަލާކުކޮށްލިކަން ދީޕިކާ އަށް އެނގުމުން އޭނާ ރުޅިގަދަވެގެން ވަރަށް ގިނަ ޓުވީޓްތައް ކުރި އެވެ. އޭނާ ވަނީ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުރި ސްމްރިތީ އިރާނީ އަށް ޓެގްކޮށް މިކަމުގައި ފިޔަވަޅު އަޅައިދިނުމަށް ވެސް އެދިފަ އެވެ.

އޭގެ ފަހުން ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ އެ މީހުން ހުއްޓުވޭނެ އެއްވެސް ބަޔަކު ނެތް ކަމަށެވެ. ފިލްމަށްޓަކައި ވަރަށް ބުރަ އެހާމެ ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި ފިލްމާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ މީހަކާ ވެސް ކެރިގެން ކުރިމަތިލާނެ ކަމަށް ވެސް ދީޕިކާ ބުންޏެވެ.

ޑިސެމްބަރު 1 ވަނަ ދުވަހު "ޕަދްމާވަތީ" ރިލީޒްކުރަން ހަމަޖެހިފައި ވާއިރު ހިތްހަމަނުޖެހޭ އެންމެ ތަންކޮޅެއް އިނަސް ފިލްމު އަޅުވާ ސިނަމާތައް ވެސް އަނދައި އަޅިޔަށް ހަދާލާނެކަމުގެ އިންޒާރު އެކްޓިވިސްޓުން ވަނީ ދީފަ އެވެ.