ކުއްޖަކު 11 ދުވަސް ވަންދެން ނިދައިފި؛ ވީގޮތެއް ޑޮކްޓަރުންނަށް ވެސް ނޭނގޭ
ކުއްޖަކު 11 ދުވަސް ވަންދެން ނިދައިފި؛ ވީގޮތެއް ޑޮކްޓަރުންނަށް ވެސް ނޭނގޭ

އެމެރިކާގެ ކެންޓަކީގެ ސްކޫލެއްގެ ދެ ވަނަ ގްރޭޑްގައި ކިޔަވާ ފިރިހެންކުއްޖަކު 11 ދުވަސް ވަންދެން ނިދާފައި އޮވެއްޖެ އެވެ.

މި ކުއްޖާ އެޑްމިޓް ކޮށްފައި އޮތް ނޯޓަން ޗިލްރަންސް ހޮސްޕިޓަލުގެ ޑޮކްޓަރުންނަކަށް ކުއްޖާއަށް މިހާ ނުރައްކާތެރި ގޮތަކަށް ނިދުނީ ކީއްވެގެން ކަމެއް ނޭނގުނެވެ. ކުއްޖާއަށް ހޭލެވި އޭނާގެ އެއްވެސް ސިއްހީ މައްސަލައެއް ހުރިކަން ޑޮކްޓަރުންނަށް ފާހަގަ ނުކުރެވުުމުން އާއިލާއިން މިހާރު ބޭނުންވަނީ އޭނާ ގޮވައިގެން ގެއަށް ގޮސް އަނެއްކާވެސް ދިރިއުޅުމައިގެން ކުރިޔަށް ދާށެވެ.

ޔެޓް ޝޯ، 7، އަށް މިކަން ދިމާވީ އާއިލާގެ މީހެއްގެ ކައިވެނީ ޕާޓީގައި ނަށައި މަޖާކޮށް އުޅުނުތާ 48 ގަޑިއިރު ވެސް ނުވަނީސް ކަމަށް އޭނާގެ މަންމަ އެމީ ތޮމްޕްސަން ބުންޏެވެ.

ޝޯ ނިދި ގޮތަށް ނުހޭލައިގެން އޭނާގެ މަންމަ އޭނާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް އެތަނުގައި އެޑްމިޓް ކޮށްގެން އެތައް ދުވަހެއް ވީއިރުވެސް އޭނާއަށް ހޭލެވޭ ގޮތެއް ނުވި އެވެ.

"އަހަރެން އޭނާއަށް ގޮވައި ހޭލައްވަން ވަރަށް މަސައްކަތް ކުރިން. ނަމަވެސް ގަދަކަމުން އެނދުން ނެގިޔަސް އަނެއްކާވެސް އޭނާ ނިދިގެން ވެއްޓެނީ،" ޔެޓްގެ މަންމަ ބުންޏެވެ.

ހޮސްޕިޓަލަށް ގެންގޮސް އެތައް ދުވަހެއް ވަންދެން ޔެޓްގެ ސިކުނޑީގެ ހަރަކާތްތައް މޮނިޓާ ކުރަމުން ގެންދިޔައިރު ވެސް އޭނާއަށް ހޭލެވުމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ.

ތޮމްޕްސަން ބުނި ގޮތުގައި ބައެއް ފަހަރަށް އެހެން އޮވެފައި ލޯ ހުޅުވާލިޔަސް ހޭލެވުމުގެ އެއްވެސް ނިޝާނެއް އެ ދެލޮލަކު ނުހުރެ އެވެ. އަދި އެކަމާ އޭނާ ވަރަށް ބިރުގަތެވެ.

ޔެޓަށް ހޭލެވުނީ ވެއްޓޭ ބަލި މީހުންނަށް ދޭ ބޭހެއް އޭނާއަށް ދިންތާ އެއް ދުވަސް ފަހުންނެވެ.

މިއީ ޔެޓްގެ ސިކުނޑީގެ އިލެކްޓްރިކް މިސްފަޔާ އަކުން ދިމާވި ކަމެއް ކަމަށް ވެ އެވެ.

ނިދިން ހޭލެވުމުން އެންމެ ފުރަތަމަ ޔެޓަށް އޭނާގެ ހަށިގަނޑު ހަރަކާތްކޮށް ވާހަކަ ދައްކައެއް ނުހެދުނެވެ. ނަމަވެސް އާއިލާގެ އެންމެން ގޮސް އޭނާގެ ކައިރީގައި މަޖާކޮށް ސަކަރާތްޖަހާ އުޅެން ފެށުމުން މަޑުމަޑުން ރަނގަޅުވަމުން ގޮސް މިހާރު ހަރަކާތްކޮށް ވާހަކަ ދެއްކެ އެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ޔެޓަށް ވީ ގޮތް ދުވަހަކުވެސް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ.