ބަނޑުގައި އޮންނަ ދަރިފުޅުގެ ފައިން ޖެހި މަންމަގެ ރަހިމު ފެޅިދާނެތަ؟
ބަނޑުގައި އޮންނަ ދަރިފުޅުގެ ފައިން ޖެހި މަންމަގެ ރަހިމު ފެޅިދާނެތަ؟

ޗައިނާގައި، އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު ޖެހި ޖެހުމުން މަންމަގެ ރަހިމު ފަޅައިގެން ގޮސް ކުއްޖާގެ ފައި ރަހިމުން ބޭރަށް ނިކުމެ ފުރާނައަށް ނުރައްކާވި ކަމަށް މީގެ ދުވަސްކޮޅެއް ކުރިން މީޑިއާގައި ރިޕޯޓްކުރި އެވެ.

ޒެންގް ނަަމަކަށް ކިޔާ މި އަންހެންމީހާގެ ބަނޑަށް އޭރު 35 ހަފުތާ ކަމަށާއި އެމީހާ ހޮސްޕިޓަލަށް ދިޔައީ ކުއްލިއަކަށް މާ ގަދަޔަށް ބަނޑަށް ތަދެއް އަރައިގެން ކަމަށް ނިއު ޔޯކް ޕޯސްޓްގައި ބުނެފައިވެ އެވެ.

ޕެކިން ޔުނިވަސިޓީ ޝެންޒެން ހޮސްޕިޓަލުގެ ޑޮކްޓަރުން މި މީހާގެ ބަނޑުގެ ސްކޭން ހަދާފައި ބެލިއިރު އެމީހާގެ ޔޫޓްރީން ފަޅައިގެން ގޮސް ތުއްތު ކުއްޖާގެ ފައި އޮތީ (އެބްޑޯމިނަލް ކެވިޓީ) ބަނޑު ތެރެއަށް ނުކުމެފައިވާ ކަމަށާއި ފަލަމަސްގަނޑު އޮތީ ޔޫޓްރީން ވޯލްގައި ތާށިވެފައި ކަމަށްވެ އެވެ.

މިގޮތަށް ރަހިމު ފަޅައިގެން ދިއުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. ބަލިވެ އިންނަ މީހުންގެ ތެރެއިން މިކަން މެދުވެރި ވަނީ 0.7 ޕަސެންޓް މީހުންނަށް ކަމަށް މެޑްސްކޭޕް އިން ބުނެފައިވެ އެވެ. މިގޮތަށް އާންމުކޮށް ދިމާވަނީ ކުރިން ސިޒޭރިއަން ހަދާފައި ތިބޭ މީހުންގެ ސިޒޭރިއަން ލަކުނުންނެވެ.

ޒެންގަށް ދިމާވި ގޮތަކީ ބަލިވެ އިނުމުގެ ކުރިން ފައިބްރޮއިޑްތަކެއް ނެގުމަށްޓަކައި ރަހިމުގެ ސާޖަރީއެއް ހެދުމެވެ. އެހެންވެ އެ ސާޖަރީގެ ލަކުނުތައް އޭނާގެ ރަހިމުގައި ހުރުމުން ފަސޭހައިން އެ ލަކުނުމަތިން ފަޅައިގެންދާ ގޮތް މެދުވެރިވީ އެވެ.

ދަރިފުޅުގެ ފައިން ޖެހިގެން މައިމީހާގެ ރަހިމު ހަމަ ހަގީގަތުގައި ވެސް ފަޅައިގެން ހިނގައިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

އޮހާޔޯ ސްޓޭޓް ޔުނިވަސިޓީގެ އަންހެނުންގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރު މައިކަލް ކެކޯވިޗް ވިދާޅުވީ ދަރިފުޅުގެ ފައިން ޖެހިގެން ރަހިމު ފަޅައިގެން ދިއުން އެއީ ވަރަށް ނުވާނެ ކަމެއް ކަމަށާއި ފަހަރެއްގައި އެމީހާގެ ރަހިމު އަމިއްލައަށް ފަޅައިގެން ގޮސްފައި އިން ތަނަކަށް ދަރިފުޅުގެ ފައި ވަނީ ކަމަށް ވެދާނެ ކަމަށެވެ.

އަންހެނެއްގެ ރަހިމުގައި ފަސޭހައިން ހަލާކުވާ ކަހަލަ ތަންކޮޅެއް އިން ނަމަ، މިސާލަކަށް ކުރިން ސިޒޭރިއަން ހަދާފައިވާ ލަކުނެއް ނުވަތަ ފައިބްރޮއިޑް ނަގަން ސާޖަރީ ހަދާފައިވާ ލަކުނެއް އިން ނަމަ އެ ތަން އިންނާނީ ރަހިމުގެ އެހެން ތަންތަނަށް ވުރެ ބަލިކަށި ކޮށެވެ. އަދި ބަލިވެ އިނުމުގެ ސަބަބުން ރަހިމު ބޮޑުވަމުންދާ ވަރަކަށް އެތަން ތުނިވަމުން ދާނެ އެވެ.

މާގިނައިން ސިޒޭރިއަން ހަދާފައިވާ އަންހެނުންގެ ރަހިމު ތުނިވަމުން ގޮސް އެތެރޭގައި އޮން ތުއްތު ދަރިފުޅު ފެންނަ ވަރަށް ވެސް ތުނިވާކަމަށް އޭނާ ވިދާޅުވި އެވެ. މިހާ ބޮޑަށް ތުނިވުމުން އަމިއްލައަށް ވެސް ފަޅައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެގޮތަށް ދިމާވެފައި އެބަހުރި ކަމަށް ޑރ. ކެކޯވިޗް ވިދާޅުވި އެވެ.

ނަމަވެސް ތުއްތު ދަރިފުޅުގެ ފައިން ޖެހިފައި ވެސް ރަހިމު ފަޅައިގެން ދިއުމުގެ ވަރަށް ކުޑަކުޑަ ފުރުސަތެއް ވެސް އޮންނަ ކަމަށް އޭނާ ވެސް އެއްބަސްވި އެވެ. ތުނިވެފައިވާ ފަށަލާގައި ދަރިފުޅުގެ ފައިން ޖެހޭ ގޮތަކުން ފަޅައިގެން ދިއުމަކީ ވެދާނެ ކަމެއް ކަމަށް ސައިންސް ޑެއިލީ އަށް ޑރ. ކެކޯވިޗް ވިދާޅުވެފައިވެ އެވެ.

ޔޫޓްރީން ރަޕްޗާ ނުވަތަ ރަހިމު ފަޅައިގެން ދިއުމަކީ މައިމީހާގެ ފުރާނައަށް ވަރަށް ނުރައްކާތެރި ކަމެކެވެ. ވަރަށް ގިނައިން ލޭ ފައިބައި އޯގަންތައް ފެއިލްވުން އަދި ތުއްތު ދަރިފުޅު ނޭވާ ހާސްވެގެން އެ ދަރިފުޅުގެ ފުރާނައަށް ނުރައްކާވުމަކީ ވެސް މިފަދަ ހާލަތެއްގައި ވަރަށް ކައިރީގައި އޮންނާނެ ކަމެކެވެ.

މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކުއްޖާއަށް ސީރިއަސް ގެއްލުންތަކެއް ނުލިބެނީސް ނެގުމަށް ޑޮކްޓަރުންނަށް ލިބެނީ 10 މިނިޓާއި 40 މިނިޓާ ދެމެދުގެ ވަގުތުކޮޅެކެވެ.

ނަސީބަކުން މިކަން އެންމެ ފަހުން ދިމާވި ޗައިނާގެ ޒެންގް ނަމަކަށް ކިޔާ އަންހެންމީހާ އާއި ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމުގައި ޑޮކްޓަރުންނަށް ކާމިޔާބު ވި އެވެ. އެއީ 10 ވަރަކަށް މިނިޓް ތެރޭގައި އޭނާގެ އޮޕަރޭޝަން ކުރެވުނީތީ އެވެ. އޮޕަރޭޝަން ކުރަމުން ދިޔައިރު އަންހެންމީހާގެ ރަހިމުން 2.8 އިންޗީގެ ތަނެއް ފަޅައިގެން ގޮސްފައިވާތަން ޑޮކްޓަރުންނަށް ފެނިފައިވެ އެވެ.

އަންހެންމީހާ އާއި އޭނާގެ ދަރިފުޅުގެ ހާލު ވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ނިއު ޔޯކް ޕޯސްޓްގައިވާ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.