ދެ ވަނަ ބުރުގެ އުއްމީދުގައި ބީޗް ވޮލީ ޓީމު މުބާރާތަށް
ދެ ވަނަ ބުރުގެ އުއްމީދުގައި ބީޗް ވޮލީ ޓީމު މުބާރާތަށް

އިންޑޮނޭޝިއާގެ ޕަލެމްބަންގައި މިއަދު ފަށާ އޭވީސީ ބީޗް ޓުއާގައި ވާދަކުރާ ގައުމީ ބީޗް ބޯޅަ ޓީމުގެ އަމާޒަކީ ދެ ވަނަ ބުރު ކަމަށް ޓީމުން ބުނެފި އެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ގައުމީ ބީޗްވޮލީބޯޅަ ޓީމުގައި ހިމެނެނީ ޝިއުނާޒް އަބްދުލް ވާހިދު، އަހުމަދު އަނިލް ނަސީރު، އަދުނާނު އަބްދުލް ހަމީދް އަދި އާދަމް ނަސީމް (އެޑަމް) އެވެ. މި މުބާރާތުގައި ރާއްޖެ ޓީމުގެ ކޯޗަކީ އަބްދުﷲ ނަޝީދު (އަބުޅޯ) އެެވެ.

މި މުބާރާތާ ބެހޭގޮތުން ބީޗްވޮލީ ޓީމުގެ ކެޕްޓަން ޝިއުނާޒް ބުނީ ތައްޔާރީތައް އެންމެ ރަނގަޅު ނޫން ނަމަވެސް އަމާޒަކީ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކަމަށެވެ.

މީގެ ކުރިން ވެސް ގައުމީ ބީޗް ވޮލީބޯޅަ ޓީމު ވަނީ ފާއިތުވި އަހަރުތަކުގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އަދި މި ފަހަރު ޓީމުގައި ވެސް ބީޗްވޮލީގައި މި ވަގުތު ރާއްޖޭގައި ތިބި އެންމެ ރަނގަޅު ކުޅުންތެރިން ހިމަނާފައިވުމަކީ ރަނގަޅު ނަތީޖާ ނެރެން ލިބޭ ހިތްވަރެކެވެ.

ރާއްޖެ އަށް މި މުބާރާތުގެ ކޮލިފިކޭޝަން ނުކުޅެ ސީދާ މުބާރާތުން ޖާގަ ލިބުނީ އެހެން ގައުމުތަކުން ވާދަކުރާ ޓީމުތަކުގެ ޕެއާތަކަށް ވުރެ ރާއްޖޭގެ ކުޅުންތެރިންގެ ޕޮއިންޓް މަތިވުމުންނެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުތަކުގައި ރާއްޖޭގެ ޝިއުނާޒް އާއި އެޑަމްގެ ޕެއާ ވާދަކުރާނީ އޮސްޓްރޭލިއާގެ ޑުރަންޓާއި ބާނެޓްގެ ޕެއާއާ އެވެ. އަދި އަނިލް އާއި އަދުނާންގެ ޕެއާ ނުކުންނާނީ ތައިލެންޑުގެ ނުޓަނޮން އާއި ސެޑްޓަވަޓްގެ ޕެއާ ދެކޮށަޅެވެ.

އަދި މާދަމާ ކުޅޭ މެޗުތަކުގައި އަދުނާނާއި އަނިލްގެ ޕެއާ ކުޅޭނީ ކަޒަކިސްތާނުގެ ސިޑޮރެންކޯ އާއި ޔަކޯވްލެވްގެ ޕެއާއާ އެވެ. އަދި ޝިއުނާޒް އާއި އެޑަމްގެ ޕެއާ ބައްދަލުކުރާނީ ޖަޕާނުގެ ޝިރަޓޯރީ އާއި ޓަކަހާޝީއާ ދެކޮޅަށެވެ.