20 އޮކްޓޯބަރ 2017 - 06:06

އިސްލާމް ދީން ބިނާވެފައިވާ އަސާސްތަކުގެ ތެރެއިން އެއް ކަމަކީ އާއިލާތަކާއި މުޅި މުޖުތަމައުގައި އަދުލުވެރިކަން ގާއިމު ކުރެވިފައި އޮތުމެވެ. އެހެންވެ އަނިޔާވެރިކަން ނައްތާލުމަށް ކީރިތި ޤުރުއާނުގައި ވަރަށް ބޮޑަށް ބާރުއަޅާފައި ވެއެވެ. އަނިޔާވެރިން ދެކެ ﷲ ލޯބިވެ ވޮޑި ނުގަންނަވާނޭ ކަމާއި (އާލް ޢިމްރާން 57) އަނިޔާވެރިންނަށް ވޭންދެނިވި އަޒާބު ތައްޔާރު ކުރެވިގެންވާ ކަމާއި (އަލްފުރްޤާން 37) އަނިޔާވެރިވީ މީހުން ރުޖޫއަވާ ހުށީ ކޮން ތަނަކަށް ކަން އެ މީހުންނަށް ނިކަން ހުރެ އެނގޭނެ ކަން (އައްޝުޢަރާއު 227) ބަޔާން ކުރައްވާފައި ވެއެވެ.
ޤުދުސިއްޔަ ހަދީސެއްގައިވާ ގޮތުން ﷲ، އެކަލާނގެ އަޅުތަކުންނަށް އަންގަވަނީ އަނިޔާވެރިކަން އެކަލާނގެ ޒާތުފުޅަށް ހަރާމް ކުރައްވާފައިވާ ކަމާއި އަދި އެއީ މީސްތަކުންގެ މެދުގައި ވެސް ހަރާމް ވެގެންވާ ކަމެއް ކަމަށެވެ. އެހެންވެ އެކަކު އަނެކަކަށް އަނިޔާވެރި ނުވުމަށް އެކަލާނގެ އަންގަވަ އެވެ. (މުސްލިމް). ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވަނީ އަނިޔާވެރި ކަމަކީ ގިޔާމަތް ދުވަހުން އަނދިރިކަން ލިބިގެންދާނެ ކަމެއް ކަމުގައެވެ. (ދެ ޝައިޚުންނާއި ތިރުމިޛީ).
އަނިޔާވެރިކަން ނައްތާލުމަށް ބާރުއަޅާ އާޔަތްތަކާއި ހަދީސްތައް ހުރި ފަދައިން އަދުލުވެރިކަން ގާއިމު ކުރުމަށް ވެސް އާޔަތްތަކާއި ހަދީސްތައް ވެއެވެ. ކީރިތި ޤުރުއާނުގައި އަދުލުގެ ސީދާ ލަފުޒުގެ އިތުރުން "ޤިސްޠު" ގެ ލަފުޒު ވެސް ބޭނުން ކުރެވިފައި ވެއެވެ. އެ ދެ ލަފުޒު ވެސް ބޭނުން ކުރެވިފައި ވަނީ އިންސާފުވެރިވުމުގެ މާނައިގަ އެވެ.
ﷲ ގެ އިސްމުފުޅުތަކުގެ ތެރޭގައި "އަލްޢަދްލު" އާއި "އަލްމުޤްސިޠު" ހިމެނިފައިވުމުން ދަލީލު ކުރަނީ އެކަލާނގެ ބާވާލެއްވި ދީން އަދުލުގެ މަތީ ގާއިމުވެފައިވާން ޖެހޭނެ ކަމެވެ. ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައި ވަނީ "އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަލިމަފުޅު ތެދުވެރިކަމާއި އަދުލުވެރި ކަމުގައި ފުރިހަމަ ވެއްޖެ އެވެ." (އަލްއަންޢާމް 115).
އަދި މުހައްމަދުގެފާނު ރަސޫލުކަމައިގެން ފޮނުއްވީ ވެސް މީސްތަކުންގެ މެދުގައި އަދުލުވެރިކަން ގާއިމު ކުރުމަށެވެ. ﷲ ގެ ވަޙިބަސްފުޅެއްގެ މާނައިގައި ވަނީ "... އަދި އަހުރެންނަށް އަމުރު ކުރައްވާފައި ވަނީ ތިޔަބައިމީހުންގެ މެދުގައި އަދުލުވެރި ގޮތުގައި ކަންތައް ކުރުމަށެވެ." (އައްޝުރާ 15).
އެހެން އާޔަތެއްގެ މާނައިގައި ވަނީ "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަމުރު ކުރެއްވީ އަދުލުވެރި ވުމަށެވެ." (އަލް އަޢުރާފު 29). އަދި އައްނަޙްލު ސޫރަތުގެ 90 ވަނަ އާޔަތުގައި އަންގަވަނީ ހަމަކަށަވަރުން ﷲ އަމުރު ކުރައްވަނީ އަދުލުވެރި ވުމަށާއި އިހުސާންތެރިވުމަށް ކަމަށެވެ.
މީސްތަކުން އެބައިމީހުންގެ އެންމެހާ ކަންކަމުގައި އަދުލުވެރިކަން އަސާސެއް ކަމުގައި ބެލުމަށާއި އަބަދުވެސް ހައްގަށް ތަބާވުމަށާއި އެކަން މަނާ ކުރާނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށާއި ބަޔަކާ މެދު އަދާވާތްތެރިކަމެއް އޮތުމަކީ ވެސް އަދުލުން އެއްކިބާވެވެން އޮތް ކަމެއް ނޫންކަން ވެސް ﷲ ބަޔާން ކުރައްވަ އެވެ.
މިގޮތުން، އީމާންވީ މީހުންނާ މުޚާތަބު ކުރައްވައި އެކަލާނގެ ވަހީ ކުރައްވަނީ "ތިޔަބައި މީހުން އަދުލު އިންސާފު ގާއިމު ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައި ވާށެވެ! އަދި ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސު ތަކުގެ މައްޗަށް ކަމުގައި ވިއަސް ނުވަތަ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައި ވިއަސް މެއެވެ. އެމީހަކީ (އެބަހީ އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި ނުވަތަ ފަގީރަކު ކަމުގައި ވިޔަސް ފަހެ އެ ދެމީހުންނަށްމެ، ﷲ، އައުލާކަން ބޮޑެވެ. ތިޔަބައިމީހުން އަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބާ ނުވާށެވެ!" (އައްނިސާއު 135).
އަދިވެސް އީމާންވީ މީހުންނާ މުޚާތަބު ކުރައްވައި ވަހީ ކުރައްވަނީ "ތިޔަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ހައްގުތައް ފުރިހަމައަށް ގާއިމު ކުރާ އަދި އަދުލަށް ހެކިދޭ ބަޔަކު ކަމުގައި ވާށެވެ! އަދި ބަޔަކު މީހުން ދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ ތިޔަބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނުހަދާށެވެ! ތިޔަބައިމީހުން އަދުލުވެރިވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ." (އަލްމާއިދަތު 8). އަދި އަލްއަންޢާމް ސޫރަތުގެ 152 ވަނަ އާޔަތުގައި އަންގަވަނީ ބަސްބުނާ ނަމަ ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް އަދުލަށް (އެބަހީ ތެދަށް) ބުނުމަށެވެ.
އިސްލާމީ މުޖުތަމައުގައި އަދުލުވެރިކަން ތަފާތު ދާއިރާތަކުގައި އޮންނަން ޖެހެއެވެ. މިގޮތުން މިކަން ފެށިގެން އަންނަން ޖެހެނީ މުޖުތަމައުތައް އުފެދެން މެދުވެރިވާ އާއިލާތަކުންނެވެ. ޢާއިލާތަކުގައި ޢަދުލުވެރިވުމުގެ ގޮތުން ދަރިންގެ މެދުގައި އަދުލުވެރިވުމަށް ކީރިތ ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަމުރު ކުރައްވާފައި ވެއެވެ.
ހުރިހާ ދަރިންނަށް ހިބައިން އެއްޗެއް ދެވެން ނެތް ހާލަތެއްގައި ވަކި ދަރިއަކަށް ހިބަކޮށް ދިނުމަކީ ހުއްދަވާނެ ކަމެއް ނޫންކަން ހަދީސުން ސާބިތުވެ އެވެ. އެއީ ހުރިހާ ދަރިންނަށް ވެސް އަދުލުވެރި ވުމަށްޓަކައެވެ. އެކަކަށް ވުރެ ގިނަ އަބިން ތިބޭ ހިނދު އަނބިންގެ މެދުގައި އަދުލުވެރިވާން ވެސް މާތްނަބިއްޔާ އަމުރު ކުރައްވާފައި ވެއެވެ. އަދި އަދުލުވެރި ނުވެވިދާނެ ކަމުގެ ބިރު ހީވާނަމަ ހަމައެކަނި އެކަކާ ކައިވެނި ކުރުމަށް ﷲ އަމުރު ކުރައްވާފައި ވެއެވެ. (އައްނިސާއު 3).
އަދުލުވެރިވާން ޖެހޭ ދެވަނަ ދާއިރާ އަކީ މީސްތަކުންގެ ކަންކަމާ ހަވާލުވެ ތިބޭ ވެރިން އެމީހުން ކުރާ ކަންކަމުގައި އަދުލުވެރި ވުމެވެ. އާންމުކޮށް އެންމެހާ މީސްތަކުންނަށް ކުރައްވާ އަމުރެއްގެ ގޮތުގައި އަމާނާތްތައް އޭގެ އަހުލުވެރިންނަށް ރައްދު ކުރުމަށާއި މީސްތަކުންގެ މެދުގައި ހުކުމް ކުރާ ނަމަ އަދުލުވެރި ގޮތުގައި ހުކުމް ކުރުމަށް ކީރިތި ޤުރުއާނުގައި އަމުރު ކުރައްވާފައި ވެއެވެ. (އައްނިސާއު 58).
މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ. "ޚަލްޤުތަކުން ކުރެ ﷲ ގެ ހަޒްރަތުގައި އެންމެ ލޯބި ލިބިގެންވަނީ އަދުލުވެރި ވެރިޔަކަށެވެ. އަދި އެންމެ ނަފުރަތު ލިބިގެންވަނީ އަނިޔާވެރި ވެރިޔަކަށެވެ." އެހެން ހަދީސެއްގައި ވަނީ އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ނުވަ ކަމަކަށް އެ ކަލޭގެފާނަށް ވަސިއްޔަތް ކުރެއްވެވި ކަމާއި އެވަސިއްޔަތްތައް މީސްތަކުންނަށް ވެސް އެކަލޭގެފާނު ކުރައްވާ ކަމުގައެވެ. އޭގެ ތެރެއިން އެއް ކަމަކީ ރުހިގެންވާ ހާލުގަޔާއި ރުޅިވެރިކަމުގެ ހާލަތުގައި ވެސް އަދުލުވެރި ވުމެވެ.
އަދުލުވެރިވާން ޖެހޭ ތިންވަނަ ދާއިރާ އަކީ މީސްތަކުންގެ ހައްގުތައް ގެއްލިގެންދާ ހިނދު އެ ހޯދުމަށް ކުރެވޭ ހުކުމްތަކުގައި، އާދެ، ފަނޑިޔާރުކަން ކުރުމުގައި އަދުލުވެރި ވުމެވެ. މިގޮތުން މީސްތަކުންގެ މެދުގައި ހުކުމެއް ކުރާ ނަމަ އިންސާފުން އެހުކުމް ކުރުމަށް ކީރިތި ރަސޫލާ އަށް އަމުރު ކުރައްވައި އަދުލުވެރިން ދެކެ ﷲ ލޯބިވެ ވޮޑިގެންވާކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވެއެވެ. (އަލްމާއިދާ 42).
ކުރިން އިޝާރާތް ކުރި އައްނިސާއު ސޫރަތުގެ 58 ވަނަ އާޔަތުން ވެސް މިކަމަށް ދަލީލު ލިބެ އެވެ. އެހެންކަމުން ހުކުމް ކުރުމުގައި މީހެއްގެ މަގާމަކަށް ނުވަތަ ފައިސާވެރި ކަމަކަށް ނުވަތަ ބާރުވެރިކަމަކަށް ބަލާކަށް ނުޖެހެއެވެ. ގަދަރުވެރި އެކޭ ކިޔާފައި ހުކުމް ނުކޮށް ދޫކޮށްލެވިގެން ނުވާނެ އެވެ. ނުވަތަ މުއްސަންޖަކަށް ވެގެން ހުކުމް ލުއި ކުރެވިގެން ނުވާނެ އެވެ.
ކުށެއް ކޮށްފި ނަމަ އެ ކުށެއް ކުރި މީހެއްގެ މައްޗަށް ގާނޫނު ހިނގަން ޖެހޭނެ އެވެ. އެހެން ނޫންނަމަ މުޖުތަމައުގައި މީސްތަކުން ބައިބައިވެ ހަސަދަޔާއި ރުޅިވެރިކަން ފެތުރި އަދުލު އިންސާފު ނެތިގެން ގޮސް އެންމެން ހަލާކުވެ ގޮސްދާނެ އެވެ. އިހުގެ މީސްތަކުން ހަލާކުވެ ދިއުމުގެ އެއް ސަބަބު ކަމުގައި ކީރިތި ރަސޫލާ ބަޔާން ކުރައްވަނީ އެބައިމީހުންގެ ތެރެއިން ގަދަރުވެރިޔަކު ވައްކަމެއް ކޮށްފިނަމަ ދޫކޮށްލައި ނިކަމެއްޗަކު ވައްކަން ކޮށްފި ނަމަ ހައްދު ގާއިމު ކުރުމެވެ. އެހެންވެ އެކަލޭގެފާނު ﷲ ގަންދެއްވައި ހަދީސް ކުރެއްވީ އެކަލޭގެފާނުގެ ދަރިކަނބަލުން ފާތުމަތުގެފާނު ވައްކަން ކުރެއްވި އަސް އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާނެ ކަމަށެވެ.
އަދުލުވެރިވާން ޖެހޭ ހަތަރުވަނަ ދާއިރާ އަކީ ޣައިރު މުސްލިމުންނާ މެދު އަދުލުވެރި ވުމެވެ. މިގޮތުން ދީނާ ހުރެ މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި މުސްލިމުން ގޮވަތި ގެދޮރުން ބޭރުކޮށް ނުލާ މީހުންނަށް ހެޔޮކޮށް ހިތައި އަދުލުވެރި ގޮތުގައި ކަންތައް ކުރުން ﷲ މަނާ ނުކުރައްވާކަން އަލްމުމްތަޙިނާ ސޫރަތުގެ 8 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެއެވެ. މިފަދައިން އަމުރު އައިސްފައި ވުމުން އޭގެ ނަތީޖާ އަކީ ޒިންމީންނަށް ހިމާޔަތާއި ރިއާޔަތް އިސްލާމީ މުޖުތަމައުގެ ތެރެއިން ލިބިގެން ދިއުމެވެ. އެމީހުންނަށްވެސް އެއްވެސް ކަހަލަ އަނިޔާވެރި ކަމެއް ކުރިމަތި ނުވުމެވެ.
މިދަރަޖައަށް އިސްލާމް ދީނުގައި އަދުލުވެރި ކަމަށް ވަސިއްޔަތް ކުރެވިފައިވާ އިރު މުސްލިމުންގެ މައްޗަށް ލާޒިމު ވެގެންވަނީ އެމީހުންގެ އާއިލާގެ ތެރޭގައާއި މުޅި މުޖުތަމައުގައި އަދުލުވެރިކަން ގާއިމު ކޮށް އަނިޔާވެރިކަން ނައްތާލުމެވެ.