19 އޮކްޓޯބަރ 2017 - 09:52

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޯބަރު 19) - ނެޝަނަލް ފުޓްބޯލް ލީގު (އެންއެފްއެލް)ގެ މެޗުތައް ފެށުމުގެ ކުރިން ގައުމީ ސަލާމަށް ނުތެދުވާ ކުޅުންތެރިންނަށް އަދަބު ނުދެވޭނެ ކަމަށާއި ގަވައިދުން ބޭރުން ވަކި ކަމެއް ކުރުމަށް ކުޅުންތެރިންނަށް މަޖުބޫރު ނުކުރާނެ ކަމަށް އެންއެފްއެލްގެ ކޮމިޝަނަރު ރޮޖާ ގުޑެލް ވިދާޅުވެއްޖެ އެވެ.
ގުޑެލް މިހެން ވިދާޅުވެފައިވަނީ އެންއެފްއެލްގެ ބައެއް ކުޅުންތެރިން ގައުމީ ސަލާމަށް ނުތެދުވާ ކަމަށް ބުނެ އެކަމަށް ހައްލެއް ނުލިބިއްޖެނަމަ އެމެރިކާ ސަރުކާރުން އެންއެފްއެލްއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްމްޕް ދެއްވާފައިވަނިކޮށެވެ.
"ގައުމީ ސަލާމަށް އެންމެން ތެދުވާން ޖެހޭނެކަމަށް އަހަރެމެން ގަބޫލުކުރަނީ. އަދި އެގޮތަށް ކަންތައް ކުރަން ކުޅުންތެތިންނަށް ވެސް އަހަރެމެން ނަސޭހަތް ދޭނަން. އެކަމަކު އެކަން އެގޮތަށް ނުކޮށްގެން ގަވާއިދުން ބޭރުން އެއްވެސް ކުޅުންތެރިއަކަށް ފިޔަވަޅެއް ނާޅާނަން،" ގުޑެލް ވިދާޅުވި އެވެ.
އެންއެފްއެލް އިން މި ގޮތަށް ނިންމުމުން ޓްރަމްޕް ވަނީ އެކަމަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެންއެފްއެލް އިން ކުޅުންތެރިން ގައުމީ ސަލާމަށް ނުތެދުވެފިނަމަ ފިޔަވަޅެއް ނާޅަން ނިންމި ނިންމުމުން އެނގެނީ އެމެރިކާ އަށް އިހުތިރާމް ނުކުރާކަން ކަމަށެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު ސެން ފްރެންސިސްކޯ އާއި ގްރީން ބޭ ޕެކާސް ކުޅުނު މެޗުގައި އެމެރިކާގެ ގައުމީ ސަލާމް ޖެހިއިރު، ސެން ފްރެންސިސްކޯގެ ކޮލިން ކާޕެނިކް އިނީ އިށީދެގެންނެވެ. އޭނާ ބުނީ ގައުމީ ސަލާމަށް ނުތެދުވީ އެމެރިކާގެ ހާލަތު މިހާރު އޮތް ގޮތުން ކަމަށެވެ. ކާޕެނިކްގެ މި ހަރަކާތަށް ގިނަ ކުޅުންތެރިންގެ ތާއީދުލިބި އެ ކުޅުންތެރިން ވެސް އަންނަނީ އެކަން ކުރަމުންނެވެ.
ކާޕެނިކަށް މި ހަރަކާތުގެ ފަހުން ޓީމަކުން ފުރުސަތު ނުލިބޭތީ އޭނާ ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.