ކޮލިން ޕަވަލްގެ ގޮތުގައި މޯގަން ފްރީމަން އަންނަނީ
ކޮލިން ޕަވަލްގެ ގޮތުގައި މޯގަން ފްރީމަން އަންނަނީ

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ކޮލިން ޕަވަލްގެ ބަޔޮޕިކެއްގައި އޭނާގެ ރޯލު ކުޅެން މޯގަން ފްރީމަން ހަމަޖައްސައިފި އެވެ.

ޖޯޖް ޑަބްލިޔު. ބުޝްގެ ސަރުކާރުގައި ޕަވަލް އަދާކުރެއްވި ދައުރުގެ މައްޗަށް އަޝޯކް އަމްރިތުރާޖުގެ ހައިޑް ޕާކް އެންޓަޓެއިންމެންޓުން އުފައްދާ މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ އެޑް ވިޓްވޯތު އެވެ. ފިލްމެއްގެ ސިފައިގައި އައިސްފައި ނުވާ ސްކްރީންޕްލޭންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ގަޔާވާ ސްކްރިޕްޓްތައް ހިމަނާ "ބްލެކް ލިސްޓް"ގައި 2014 ވަނަ އަހަރު މި ސްކްރިޕްޓް ހިމެނުނެވެ.

ޕަވަލްގެ ބަޔޮޕިކް ޑައިރެކްޓްކުރަނީ "ހައުސް ޕާޓީ" އާއި "ޖޭންގޯ އަންޗެއިންޑް"ގެ ޑައިރެކްޓަރު ރެޖިނަލްޑް ހަޑްލިން އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ވަޑައިގެންނެވި ފުރަތަމަ ކަޅު ބޭފުޅަކީ ޕަވަލް އެވެ. އޭގެ ކުރިން އޭނާއަކީ އަސްކަރީ ޖެނެރަލެކެވެ.

ޕަވަލް އެންމެ ފުރަތަމަ ވަނީ އެމެރިކާ ސިފައިން އިރާގަށް އެރުމާ ދެކޮޅު ހައްދަވައިފަ އެވެ. ސައްދާމް ހުސެންގެ އަތުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަކަށް އޭނާ އޭރު ގަބޫލެއް ނުކުރައްވަ އެވެ. އެކަމަކު ވައިޓް ހައުސް ތެރެއިން ހަނގުރާމަ އަށް ބާރުއެޅި މީހުންގެ ބަސް ގަބޫލުކުރައްވައި އޭނާ ވަނީ އިރާގަށް އަރައި ސައްދާމް ވެރިކަމުން ބާލަން ޖެހޭ ކަމަށް ވިދާޅުވެ އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވައިފަ އެވެ.

ޕަވަލް ހުށަހެޅުއްވި ހެކިތަކުގައި ބުރަދަނެއް ނެތްކަން ފަހުން ހާމަވެފައިވާ އިރު، އިރާގު ހަނގުރާމަ އަށް ސަލާމަތީ މަޖިލީހުގެ ތާއީދު ހޯއްދަވަން އޭނާ ދެއްކެވި ވާހަކަތަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އޭނާ ބޮޑަށް މަޝްހޫރީ ވެސް އެކަމަށް ވަކާލާތުކުރައްވައި އދގައި ދެއްކެވި ވާހަކައިންނެވެ. ފަހުން ޕަވަލް ވަނީ އެއީ އޭނާގެ ކެރިއަރުގައި އައި އަޑިގަނޑެއް ކަމަށް ވިދާޅުވެފަ އެވެ،

މި ބަޔޮޕިކްގައި ދައްކާނީ އދ. ގައި ޕަވަލް ވާހަކަދެއްކެވުމާ ހަމައަށް ހިނގި ކަންތައްތަކެވެ.

ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ވެސް މޯގަން ފްރީމަން ހިމެނެ އެވެ.

ފްރީމަން އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މި އަހަރު ރިލީޒްކުރި ކޮމެޑީ "ގޮއިން އިން ސްޓައިލް" އިންނެވެ. ޑިޒްނީން ނެރެން އުޅޭ ފެންޓަސީ ފިލްމު "ދަ ނަޓްކްރެކާ އެންޑް ދަ ފޯ ރެލްމްސް" އިން ވެސް އޭނާ ފެންނާނެ އެވެ.