މައްސަލަ އެންމެ ބޮޑު ފޯނު، ސްކްރީން އެންމެ ބޮޑު ފޯނު
މައްސަލަ އެންމެ ބޮޑު ފޯނު، ސްކްރީން އެންމެ ބޮޑު ފޯނު

މިއީ އެސެންޝަލް ފޯނުގެ ވާހަކަ އެވެ. އެސެންޝަލް ފޯނަކީ އެއަށް ވުރެ ސާދާ ފޯނެއް އަދި ނެތް ކަމަށް ބުނެ އުފައްދައިގެން އުޅޭ ފޯނެކެވެ.

އެސެންޝަލް ފޯނުގެ އޮޕަރޭޓިން ސިސްޓަމަކީ އެންޑްރޮއިޑެވެ. ފޯނު އުފެއްދީ އޭންޑީ ރޫބިން އެވެ. އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް އުފެއްދުމުގައި ދެވަނަ އަށް އެންމެ އިސްކޮށް މަސައްކަތްކުރީ އޭނާ އެވެ.

މިއީ މައްސަލަ އެންމެ ބޮޑު ފޯނު ކަމަށް ބުނީ، ފޯނުގައި މައްސަލަތަކެއް އުޅޭތީއެއް ނޫނެވެ. ފޯނު އުފެއްދުމުގެ މަރުހަލާގައި ހަމަނުޖެހުންތަކެއް ހިނގާފައި ވާތީ އެވެ. އެކަމަކު ވެސް އެސެންސަލް ފޯނުގައި، ބާރުގަދަ އެހެން ފޯނުތަކުގައި ނެތް މޮޅެއް ވެ އެވެ.

ފޯނުގެ މޫނުމަތީގެ ނިސްބަތުން ސްކްރީން އެންމެ ބޮޑު ފޯނަކީ އެސެންޝަލް ފޯނެވެ. އެސެންޝަލް ފޯނުގެ ސްކްރީން ނިސްބަތުން 85 ޕަސެންޓު ބޮޑެވެ. ސެމްސަންގް ގެލަކްސީ ނޯޓް 8، ގެލަކްސީ އެސް8، އަދި ގެލަކްސީ އެސް8 ޕްލަސްގެ ނިސްބަތަކީ 83-84 ޕަސެންޓެވެ. އެޕަލް އައިފޯން 10ގެ ސްކްރީންގެ ބޮޑު މިން އުޅެނީ 82 ޕަސެންޓްގަ އެވެ. އެލްޖީ ވީ30 އަދި ޖީ6ގެ ނިސްބަތަކީ 79-81 ޕަސެންޓެވެ.

އެސެންޝަލް ފޯނުގައި، އެހެން ކުންފުންޏެއްގެ ވައިފައި ޓެކްނޮލޮޖީ ބޭނުންކޮށްފައި ވާތީ ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. ފޯނު މާކެޓަށް ނެރެން ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ޚަބަރެއް ނުވުމުން ވެސް ވަނީ އިތުބާރު ކުޑަވެފަ އެވެ. އެސެންޝަލް ފޯނާ ބެހޭ ގޮތުން އޭންޑީ ރޫބިން ދެއްކި ވާހަކަގައި ހުރިހާ މޮޅެއް، ފޯނުގައި ނެތެވެ. އެހެން ނަމަވެސް ބާރުގަދަ އެންޑްރޮއިޑް ފޯނެއް އޭނާ އަށް އުފެއްދިދާނެކަން ކަށަވަރުކޮށްދީފި އެވެ.