މަރުވި ފުލުސް މީހާގެ ޖަނާޒާ ކާށިދޫގައި
މަރުވި ފުލުސް މީހާގެ ޖަނާޒާ ކާށިދޫގައި

ގއ. ވިލިނގިލީގައި ދެމަފިރިއަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން މިއަދު މަރުވި ފުލުސްް މީހާގެ ޖަނާޒާ އޭނާގެ ރަށް ކ. ކާށިދޫގައި ބޭއްވުމަށް ފުލުހުން ނިންމައިފި އެވެ.

މިއަދު ހިނގި ހާދިސާގައި މަރުވި ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ކޮންސްޓެބްލް މުހައްމަދު ހަނީފެވެ. އޭނާއަކީ ވިލިގިނލީ މީހަކާ އިނދެގެން އުޅޭ މީހެކެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިރޭ ވިދާޅުވީ ހަނީފުގެ ހަށިގަނޑު މިރޭ މާލެ ގެނައުމަށް ނިންމާފައިވާ ކަމަށާއި ހަނީފުގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ އޭނާގެ ރަށުގައި ކަމަށެވެ. އޭނާގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު ބޭޭއްވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހަނީފް ގެނބުނު ހަބަރު ލިބުމުން އެ ސީނަށް ދަނިކޮށް އެކްސިޑެންޓްވެ އަނިޔާވި ފުލުސް މީހާ ވެސް މިރޭ މާލެ ގެނައުމަށް ނިންމާފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ހަނީފް މިއަދު މަރުވީ އޭނާގެ އަންހެނުން ލަބީނާ ޒުހައިރު އާއެކު މޫދަށް އެރިއުޅުމުގެ ތެރޭގައި ގެނބިގެންނެވެ.

އެ މަންޒަރު ލަބީނާ ސިފަކުރީ، ވީނުވީއެއް ނޭނގި ހާސްކަމާއި ހިތްދަތިކަމުގެ ތެރޭގައި ދިޔަ ވަގުތުތަކެއްގެ ގޮތުގަ އެވެ.

"އޮޔާ ދަމައިގަތީ، ދެން ގެނބުނީ. ހަނީ [ފިރިމީހާ] އެބަ ގޮތެއް ވެޔޭ ބުނަމުން ދިޔަ. އަޅުގަނޑު އޮތީ ފެންމަތީގައި. އޭރު ފިރިމީހާ އަޑިއަށް ދާތަން ފެނުނު. އެ ވަގުތު ފިރިމީހާ އަށް އަތް ދިއްކޮށްލިން. އެކަމަކު އަތުގައި ހިފޭ ގޮތެއް ނުވި،" ލަބީނާ ކިޔައިދިނެވެ.

ހަނީފް، ކުރިން އެހެން މީހަކާ އިނދެގެން ލިބިފައިވާ ފަސް ވަރަކަށް އަހަރުގެ ދަރިއަކު ވެސް ހުރެ އެވެ.