18 އޮކްޓޯބަރ 2017 - 21:17

ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ ނުވަ މީހެއްގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން އަމުރު ނެރެދިނުމާއެކު ތިން މީހެއްގެ މައްޗަށް އަމުރު ތަންފީޒު ކުރަން ފަށައިފި އެވެ.
މިހާރަށް އެނގިފައިވާގޮތުގައި ފުލުހުން މިއަދު ވަނީ ތިން މީހެއްގެ މައްޗަށް އެ އަމުރު ތަންފީޒުކުރަން ފަށައި އިތުރު ހަ މީހެއް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.
ކުށްކުރާނެ ކަމަށް ތުހުމަތު ކުރެވޭ މީހުން މޮނީޓާ ކުރަމުން ދަނީ އެ މީހުންގެ ފައިގައި ޓެގެއް އަޅުވައިގެންނެވެ. އެ ޓެގްގެ ސަބަބުން، ފުލުހުންގެ އިދާރާގައި ހުންނަ ސިސްޓަމަކަށް އެ މީހުން އުޅޭނޫޅޭ ގޮތް ބެލެ އެވެ.
ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އަދި އެ މީހުންގެ ފައިގައި ޓެގް ނާޅުވައެވެ. ނަމަވެސް އެ އަމުރުގައި ބުނާ އެހެން ކަންކަން އަންނަނީ ތަންފީޒު ކުރަމުންނެވެ.
މޮނިކޮން އަމުރު ނުވަތަ މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ނެރޭ އަމުރެކެވެ. އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ. ހައިކޯޓުން ނެރޭ އެ އަމުރު ތަންފީޒު ކުރަން ޖެހޭ ބަޔަކީ ފުލުހުންނެވެ.
އެ އަމުރާ އެކު، ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި، އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެ މީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުން ހިމެނެ އެވެ. އަދި އެ މީހުންގެ މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި އިލެކްޓްރޯނިކް އާލާތްތައް އެ މީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭ ތަނުގައި ހަރުކުރުމާއި އެ މީހެއްގެ ފޮޓޯ އާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯ އާއި އެ މީހެއްގެ ފިންގާ ޕްރިންޓް ފަދަ ސާމްޕަލްތައް ނަގައި މޮނީޓާކުރުމުގެ ބާރު ލިބިގެން ދެއެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މޮނިކޮން އަމުރުގެ ދަށުން ފިޔަވަޅު އަޅާފައިވާ މީހަކު އެ އަމުރުގެ އެއްވެސް ފިޔަވަޅަކާ ޚިލާފުވުމަކީ ޖިނާއީ ކުށެކެވެ. އެ ކުށެއްގެ އަދަބެއްގެ ގޮތުން ގިނަވެގެން 18 މަސްދުވަހަށް ގޭބަންދުކުރުން ނުވަތަ ޖަލަށް ލެވެ އެވެ.
މީގެ ކުރިން ވެސް ކުށްވެރިންތަކެއްގެ ފައިގައި ވަނީ ޓެގް އަޅުވާފަ އެވެ. ފުލުހުން ބުނީ އޭރު ކުށްކުރުން މަދުވި ކަމަށާއި އެއީ ކުށްވެރިން މޮނީޓާ ކުރަން ފަސޭހަ ގޮތެއް ކަމަށެވެ.