ބަޓަރަކީ އެހާ ގޯސް އެއްޗެއް ނޫން
ބަޓަރަކީ އެހާ ގޯސް އެއްޗެއް ނޫން

ބަޓަރަކީ ސިއްހަތަށް އެންމެ ނުރައްކާތެރި ކާނާގެ ތެރޭގައި މިހާތަނަށް ހިމެނިފައިވާ އެއްޗެކެވެ. އެކަމަކު ފަހުގެ ދިރާސާއަކުން ދައްކަނީ ބަޓަރަކީ އަހަރެމެން މި ހީކުރާހާ ގޯސް އެެއްޗެއް ނޫން ކަމަށެވެ. ހިތުގެ ބަލިތަކަށް މަގު ފަހިކުރުވާ ކަމަށް ބެލެވިފައިވާ ބަޓަރާ ބެހޭ ގޮތުން ޕްލޮސް ވަންގައި ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި ބުނަނީ ބަޓަރުގެ ސިއްހީ ގެއްލުންތަކާ ބެހޭ ގޮތުން ގަބޫލުކުރެވިފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

ދިރާސާގެ ނިންމުމަކީ ބަޓަރަކީ އެހާ ރަނގަޅު ނުވަތަ އެހާ ގޯސް އެއްޗެއް ވެސް ނޫން ކަމަށެވެ.

"ފަހުގެ ދިރާސާތަކުން އެނގޭ ގޮތުގައި ޑެއިރީ ފެޓަކީ ސެޗުރޭޓެޑް ފެޓާ އެއްވަރަށް ސިއްހަތަށް ނުރައްކާ އެއްޗެއް ނޫން. އެހެންވެ މަރު ބައްޔަށް ބަޓަރުން މަގު ފަހިކުރުވުމުގައި އޮތީ ވަރަށް އާދައިގެ ފުރުސަތެއް ކަމަށް ގަބޫލުކުރެވެނީ،" ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި ތަޖުރިބާކާރެއް ކަމަށްވާ ލައުރާ ޕިމްޕިން ވިދާޅުވެފައިވެ އެވެ.

މި ދިރާސާކުރުމަށް ކުރީގެ ބައެއް ދިރާސާތައް ވެސް ހިމެނޭ ގޮތަށް، 636،151 މީހުންގެ މައުލޫމާތު ބޭނުންކޮށްފައިވެ އެވެ. އެގޮތުން މި މީހުންނަށް ހިތުގެ ބައްޔާއި ހަކުރު ބަލި ޖެހިގެން މަރުވުމަށް އޮތް ފުރުސަތާ ބަޓަރާ އޮތް ގުޅުން ވަޒަންކޮށްފައިވެ އެވެ. ދިރާސާއިން ދައްކަނީ ދުވާލަކު ސައިސަމުސަލެއްގެ ބަޓަރު ބޭނުންކުރާ ނަމަ މަރުވުމުގެ ފުރުސަތު އެއް ޕަސެންޓް އިތުރުވާ ކަމަށެވެ. އަދި ޓައިޕް 2 ޑައެބެޓީސްގެ ނުރައްކާ ހަތަރު ޕަސެންޓް ދަށްވެ އެވެ.

"ހަކުރުބައްޔާ ގުޅޭ ގޮތުން ލިބުނު ނަތީޖާއާ މެދު ލިބުނީ ވަރަށް ބޮޑު ހައިރާންކަމެއް،" ޕިމްޕިން ވިދާޅުވެފައިވެ އެވެ. "ހަގީގަތުގައި ބަޓާރާއި ހިތުގެ ބަލިތަކާ މާ ހާއްސަ ގުޅުމެއް ނެތް،"

އެކަމަކު އޭނާ ވިދާޅުވީ މިކަމާ ބެހޭ ގޮތުން ކުރި ދިރާސާ އަކީ އެހާ ފުޅާ ދާއިރާއެއްގައި ކުރި ދިރާސާއެއް ނޫން ކަމަށާއި އެހެންވެ އިތުރަށް ދިރާސާކުރަންޖެހޭނެ ކަމަށެވެ.