18 އޮކްޓޯބަރ 2017 - 20:07

ބެއިޖިން (އޮކްޓޯބަރު 18) - ކޮރަޕްޝަނާ ދެކޮޅު ކެމްޕޭން ކުރިއަށް ގެންދިއުމުގެ ވައުދާ އެކު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ރައީސް ޝީ ޗިންޕިން މިއަދު ފައްޓަވައިދެއްވައިފި އެވެ.
ހަފުތާއެއްހާ ދުވަހަށް ކުރިއަށްދާ ސިއްރު ބައްދަލުވުންތަކުގައި 1.4 ބިލިއަން މީހުންގެ ބޮޑު އާބާދީގެ މައްޗަށް ކުރިއަށް އޮތް ފަސް އަހަރު ވެރިކަންކުރާނެ ޕޮލިޓްބިއުރޯ ސްޓޭންޑިން ކޮމިޓީ ވެސް ހޮވާނެ އެވެ. ވެރިރަށް ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ކުރިއަށް ބައްދަލުވުންތަކުގައި 2،000 ވަރަކަށް މަންދޫން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް 91 އަހަރުގެ ޖިއާން ޒެމިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
"އެތައް އަހަރެއްގެ ބުރަ މަސައްކަތަށް ފަހު ޗައިނާ މި ވަނީ އާ ހަރުފަތަކަށް މިސްރާބު ޖަހާފައި. މިއީ ގައުމުގެ ތަރައްގީގައި ތާރީޚީ ކުރިއެރުމެއް،" ގައުމީ ޓީވީން ދުރަށް ދެއްކި ޝީގެ ތަގްރީރުގައި ވިދާޅުވި އެވެ. "ޗައިނާގެ ސިޔާސީ ނިޒާމަކީ ޗައިނާގެ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް އޮތް އެންމެ ރަނގަޅު ނިޒާމް. އެހެން ގައުމުތަކުގެ ނިޒާމް އަޅުގަނޑުމެން ކޮޕީ ކުރާކަށް ނުޖެހޭ."
ކޮރަޕްޝަނާ ދެކޮޅަށް ޕާޓީން ކުރިއަށް ގެންދާ ކާމިޔާބު މަސައްކަތަށް ޝީ ވަނީ ތައުރީފް ކުރައްވައިފަ އެވެ.
މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ވެރިކަމަށް ވަޑައިގެންނެވި ޝީ ވަނީ ޗައިނާ އިން ކޮރަޕްޝަނުގެ މޫ ނައްތާލުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވައިފަ އެވެ. މި މުއްދަތުގައި ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުންނަށް އަދަބު ދީފަ އެވެ.