18 އޮކްޓޯބަރ 2017 - 16:08

މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވެދާނެތީ އެކަމަށް ސަމާލުވާން ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މިދިއަ އަަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މި ދުވަސް ވަރު ވެސް އަރިދަފުސް ރޯގާ ޖެހޭ މިންވަރަށް މައްޗަށް ދިއުން އެކަށީގެންވާ ކަމަށެވެ. އެކަމަކު އަދި އެކަހަލަ މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
އެޗްޕީއޭ އިން ބުނީ އަރިދަފުސް ރޯގާ އިން ސަލާމަތްވުމުގެ ގޮތުން މާބަނޑު މީހުންނަށާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން ދުވަސްވީ މީހުންނާއި ދާއިމީ ބައްޔެއް ހުންނަ މީހުން އިންފުލުއެންޒާ ވެކްސިން ޖެހުން މުހިންމު ކަމަށެވެ.
"މި ކެޓެގަރީތަކަށް ނިސްބަތްވާ ފަރާތްތައް ރޯގާޖެހި ހުން އަންނަ ނަމަ އެކަމަށް ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ލަސްނުކުރައްވާ ޑޮކްޓަރެއްގެ އިރުޝާދު ހޯދަންވާނެ،" ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި އަހަރުގެ މާޗު މަހު މާލެ އާއި ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ރޯގާ ފެތުރުނެވެ. އޭގެ ތެރޭގައި އެޗުވަންއެންވަންގެ ސަބަބުން ޖެހޭ ރޯގާ ވެސް ހިމެނުނެވެ. އެ ބަލީގައި ބައެއް މީހުން މަރުވި އެވެ.
- ސައިބޯނި ލައިގެން އަތް ދޮވުން
- އަރިދަފުސް ރޯގާ ޖެހި ކެއްސާއި ކިބިހި އަޅާއިރު އަނގަ އާއި ނޭފަތް ނިވާކުރުން. އަދި އެގޮތަށް ބޭނުންކުރާ ޓިޝޫ ފަދަ އެއްޗެހި އަވަހަށް ނައްތާލުން
- ރޯގާޖެހި ހުން އަންނަ ނަމަ ޕެރެސެޓެމޯލް ފިޔަވާ އެހެން އެއްވެސް ބޭހެއް، ޑޮކްޓަރެއްގެ ލަފަޔާ ނުލާ ބޭނުން ނުކުރުން
- ވެކްސިން ޖަހަން ސަމާލުކަން ދިނުން. (ވެކްސިން ޖެހުމުން އެއް އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކަން ލިބެ އެވެ.)
އެޗުޕީއޭއިން ބުނީ މާލޭގެ ދަމަނަވެށިން އިންފުލުއެންޒާ ވެކްސިން ޖަހައިދޭނެ ކަމަށެވެ. ރަށްރަށުގައި ނަމަ ހޮސްޕިޓަލްތަކުންނާއި ސިއްހީ މަރުކަޒުތަކުން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސައިފައިވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.