18 އޮކްޓޯބަރ 2017 - 14:40

އަންނަ ހަފުތާގައި ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމަކު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަޕްލިމެންޓްރީ ބަޖެޓާ ބެހޭ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އެންމެ ކުޑަވެގެން އެއީ ކިހާ ވަރެއްގެ ބަޖެޓެއް ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށަހަޅާ ފުރަތަމަ ފަހަރެވެ.
"އަންނަ ހަފްތާގައި (ބަޖެޓު މަސައްކަތް) އެޖެންޑާކުރަން މަސައްކަތް ކުރަމުން މިދަނީ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން އުޅޭ ވާހަކަ އެންމެ ފުރަތަމަ ސަރުކާރުން ދެއްކީ މިދިޔަ ޖުލައި މަހު އެވެ. ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓު އައުމާ އެކު، އެ އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓްގެ ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް އަރާާނެ ކަމަށް ލަފާކޮށްފައިވ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.
ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ސަރުކާރުން މި ނިންމީ ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރަން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވަނިކޮށެވެ. އެ މިނިސްޓްރީގެ ސާކިއުލާއެއްގައިވާ ގޮތުން އެ ފިޔަވަޅު އަޅަނީ ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގެ ބޭނުމުގަ އެވެ.