ގެނބުނު ދެމަފިރިން ސަލާމަތްކުރަން ދިޔަ ފުލުހަކު އެކްސިޑެންޓުވެ ފަރުވާއަށް މާލެ ގެންނަނީ
ގެނބުނު ދެމަފިރިން ސަލާމަތްކުރަން ދިޔަ ފުލުހަކު އެކްސިޑެންޓުވެ ފަރުވާއަށް މާލެ ގެންނަނީ

ގއ. ވިލިނގިލީގައި މިއަދު ގެނބުނު ދެމަފިރިން ސަލާމަތް ކުރަން ދަނިކޮށް ހިނގި ސައިކަލު އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ފުލުހަކަށް ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރަށު ކައުންސިލްގެ މެމްބަރު މަޖީދު އަބްދުﷲ ވިދާޅުވި ގޮތުގައި އެކްސިޑެންޓް ހިނގީ، ގެނބުނު ދެމަފިރިން ސަލާމަތް ކުރަން ފުލުހުންގެ މީހާ ސައިކަލެއްގައި ރަށުގެ ތުނޑީކޮޅާ ދިމާލަށް ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މި ހާދިސާގައި ބޮޑަށް އަނިޔާވީ ނަދީމް ކިޔާ ފުލުސް މީހާއަށެވެ. އަނެއް ސައިކަލްގައި އިން މީހާ އަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ. މި ހާދިސާގައި ފުލުސް މީހާގެ މޫނަށާއި މެ އަށް ވެސް އަނިޔާވެފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

"ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ ފުލުސް މީހާ ދިޔައީ ތުނޑި ސަރަހައްދަށް. ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެން އެކްސިޑެންޓުވީ. ބޮޑަށް އަނިޔާ ލިބުނީ ފުލުސް މީހާ އަށް،" މުފީދު ވިދާޅުވި އެވެ.

ގެނބިގެން ވިލިނގިލީގައި ހިނގި ހާދިސާގައި ފިރިހެން މީހާ ވަނީ މަރުވެފަ އެވެ. އޭނާގެ އަންހެނުން ލަބީނާ ޒުހެއިރަށް ވިލިނގިލީ ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ.

އެ ރަށު ކައުންސިލުން ބުނިގޮތުގައި ގެނބިގެން މަރުވި މުހައްމަދު ހަނީފުގެ ހަށިގަނޑާއި އެކްސިޑެންޓުގައި ޒަހަމްވި ނަދީމް، ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.