18 އޮކްޓޯބަރ 2017 - 15:27

މި ދެމަފިރިން އުންމީދުކޮށްގެން ތިބީ މޫދަށް ގޮސްފައި އެނބުރި ވަރަށް އަވަހަށް ގެއަށް ދިއުމަށެވެ. އެކަމަކު މޫދަށް އެރުުނުތާ ވީ އެންމެ 10 މިނެޓެވެ. ދެން ދިމާވީ، ފާތުމަތު ލަބީނާ ޒުހައިރުގެ ހަޔާތުގައި ދުވަހަކު ވެސް ހަނދާން ނެތޭނެ ހާދިސާއެއް ނޫނެވެ. އޭނާގެ ފިރިމީހާ މުހަންމަދު ހަނީފު މިއަދު ދުނިޔެއާ ވަކިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގަ އެވެ. މިއީ ލަބީނާގެ ހަޔާތަށް އައި އެންމެ ހިތްދަތި ވަގުތުކޮޅެވެ.

ގއ. ވިލިނގިއްޔާ ޖެހިގެން އެއް ފަޅެއްގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ ރައިވެއްރެހާގެ މޫދަށް އެރުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ މީހުން އެއްފަހަރާ ފުން ހިސާބަކަށް ގެނބި، ފިރިމީހާ މޫދަށް އަޑިއަށް ދިޔައީ އެވެ. އެ މަންޒަރު ލަބީނާ ސިފަކުރީ، ވީނުވީއެއް ނޭނގި ހާސްކަމާއި ހިތްދަތިކަމުގެ ތެރޭގައި ދިޔަ ވަގުތުތަކެއްގެ ގޮތުގަ އެވެ.

"އޮޔާ ދަމައިގަތީ، ދެން ގެނބުނީ. ހަނީ [ފިރިމީހާ] އެބަ ގޮތެއް ވެޔޭ ބުނަމުން ދިޔަ. އަޅުގަނޑު އޮތީ ފެންމަތީގައި. އޭރު ފިރިމީހާ އަޑިއަށް ދާތަން ފެނުނު. އެ ވަގުތު ފިރިމީހާ އަށް އަތް ދިއްކޮށްލިން. އެކަމަކު އަތުގައި ހިފޭ ގޮތެއް ނުވި،" ފަންސަވީހަކަށް އަހަރުގެ ލަބީނާ "މިހާރު" އަށް ކިޔައިދިނެވެ.
"އަޅުގަނޑު އޮޔާ ދުރަށް ވެސް ގެންދިޔަ. މޫދުގައި ބަކަތަޅަތަޅާ އޮތިން ދެ ގަޑިއިރަށް ވުރެ ގިނައިން. އެހެން ބަކަ ތަޅަމުން ގޮސް އެއްގަމަށް އެރުނީ."
ލަބީނާ އަށް ފަތާކަށް ނޭނގެ އެވެ. ލަބީނާ އަށް މީހަކު ފެންނަ ހިސާބަށް ދެވުނީ، ވަކި ހިސާބަކަށް ދެވުނު ފަހުންނެވެ. އެކަމަކު ނަސީބު ދިމާކުރިގޮތުން އޭނާއާ ދިމާވީ ވެސް ބޭބެއަކާ އެވެ.
ލަބީނާގެ ބޭބެ ޝުހޫދު އަހުމަދަށް، އެ ދެމަފިރިން މޫދަށް ދަނިކޮށް ފެނުނެވެ. އެކަމަކު އޭނާ ތުނޑި އަށް ދިޔައީ އެފަދަ ކަމެއް ހިނގައިގެން އުޅެދާނެ ކަމަކަށް ނޫނެވެ.
ޝުހޫދު ބުނީ ލަބީނާ އާއި ހަނީފު މިއަދު ހެނދުނު ނުވައެއް ޖަހާކަންހާއިރު މޫދަށް ދިޔައީ، އޭނާ އާއި އެހެން އެކުވެރިންތަކެއް އެ ރަށު ހިއްކި ސަރަހައްދުގައި ތިއްބާ ކަމަށެވެ. އެތަނުގައި ހުރެފައި އޭނާ ދެން ދިޔައީ ކޮފީ އަކަށެވެ. އެހެން ރަހުމަތްތެރިއަކާ އެކު ސައިކަލުގައި ތުނޑި އަށް ދިޔައީ ކޮފީ ނިންމާލާފައި، ބުރެއް ޖަހާލުމުގެ މަގުސަދުގަ އެވެ.
"އަޅުގަނޑުމެން އެހެން ދަނިކޮށް، ތުނޑީކޮޅުގައި ހުންނަ ހަރުގެއާ ދިމާލުން ފެނިއްޖެ އަންހެނަކު ހޫރެމުން ކަހަލަ ގޮތަކަށް އަންނަތަން. އޭރު ނޭނގެ ކާކުކަމެއް. ސައިކަލުގައި އޭނާ ކައިރިއަށް ދިޔައިރު އެއީ ލަބީ. އަޅުގަނޑު ފެނުމާ އެކު ބުނެފި ހަނީ މޫދަށް ގެއްލިއްޖެއޭ. ދެން ވަގުތުން އަޅުގަނޑުމެން އޭނާ ސައިކަލަށް އަރުވައިގެން ގެއްލުނު ތަނަށް ދިޔައީ،" ޝުހޫދު ބުންޏެވެ.
އޭނާ ބުނީ ޝުހޫދާއި ދެން ތިބި ދެ މީހުން ވެގެން އެ ސަރަހައްދު ވަރަށް ބޮޑަށް ބެލި ކަމަށާއި އެކަމަކު ނުފެނުމުން ދެން ތިބި މީހުން ބއިތިއްބާފައި އޭނާ ދިޔައީ އެކަން ފުލުހުންނަށް އަންގަން ކަމަށެވެ.
ޝުހޫދާއި ފުލުހުން ލޯންޗެއްގައި ގޮސް އެ ސަރަހައްދު ބެލުމުން، ހަނީފު ފެނުނީ އޭގެ ގަޑިއިރެއްހާއިރު ފަހުން، މިއަދު މެންދުރެވެ. އެއީ ވެސް އޭނާ މޫދަށް އެރި އުޅުނު ސަރަހައްދާ 300 ވަރަކަށް ފޫޓު ދުރުން، ވިލިގިނލި ހިއްކަން ވެގެން ކޮނެފައި އޮތް ސަރަހައްދުންނެވެ. މޫދުން ނެގި އިރު ވެސް ހަނީފު އޮތީ އަތްފައި ހަރުވެ، މަރުވެފަ އެވެ.
"ހަނީފަށް ފަތަން އެނގުނަސް ކޮއްކޮއަކަށް ފަތާކަށް ވެސް ނޭނގޭނެ. އެކަމަކު އޭނާ ބުނާގޮތުން ސަލާމަތްވީ ސަލާމަތްވާން ތެޅިތެޅި އޮއްވައި ލައްގައިގެން،" ޝުހޫދު ބުންޏެވެ.
އެހެން މީހަކާ އިނދެގެން ދަރިއަކު ވެސް ހުންނަ ހަނީފަކީ ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހެކެވެ. ކާށިދު އަށް އުފަން މި ޒުވާނާ، ކުރިން އެހެން މީހަކާ އިނދެގެން ލިބިފައިވާ ފަސް ވަރަކަށް އަހަރުގެ ދަރިއަކު ވެސް ހުރެ އެވެ.