މިއަންމާ ސިފައިން ހިންގަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާ: އެމްނެސްޓީ
މިއަންމާ ސިފައިން ހިންގަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާ: އެމްނެސްޓީ

ލަންޑަން (އޮކްޓޯބަރު 18) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގަމުންދަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ކަމަށާއި އެކަމުގެ ވަރުގަދަ ހެކި ލިބިފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތުން މިއަދު ނެރުނު ރިޕޯޓުގައި ވަނީ ރަކީންގައި ހިންގާ ރޭޕްކުރުމާއި މީހުން މެރުމާއި ހުޅުޖެހުން ފަދަ ހާދިސާތައް ތަފްސީލުކޮށްފަ އެވެ. އަދި މިއަންމާއާ ދެކޮޅަށް ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އދ.ގެ ސަލާމަތީ މަޖިލީހުން އެޅުމަށް ވެސް އެމްނެސްޓީން ވަނީ ގޮވާލައިފަ އެވެ. މީގެ އިތުރުން މިއަންމާގެ ސީނިއާ އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް އެމްނެސްޓީން ވަނީ ގޮވާލައިފަ އެވެ.

އެމްނެސްޓީން ބުނީ ރޮހިންޖާ މީހުންނާ ދެކޮޅަށް ދޭ ހަމަލާތަކުގެ ޒިންމާ އެންމެ ބޮޑަށް އުފުލަން ޖެހޭނީ މިއަންމާ ސިފައިންގެ ވެސްޓަން ކޮމާންޑުން ކަމަށެވެ.

އެމްނެސްޓީގެ ފަހުގެ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ މަންޒަރު ދުށް 150 އަށް ވުރެ ގިނަ މީހުންގެ ހެކި ބަހާއި ސެޓެލައިޓް ޑޭޓާ އާއި ފޮޓޯ އަދި ވީޑިއޯ ހެކީގެ މައްޗަށް ބިނާކޮށެވެ.

މިއަންމާގެ ރަކީން ސްޓޭޓުގައި ހަމަނުޖެހުންތައް ހިންގަން ފަށާފައި ވަނީ އޮގަސްޓް 25 ވަނަ ދުވަހު އެވެ. މިއަންމާ ސިފައިން ބުނެފައި ވަނީ އަރާކާން ރޮހިންޖާ ސެލްވޭޝަން އާމީ (އަރްސާ) ގެ ހަނގުރާމަވެރިން ސިފައިންގެ ޕޯސްޓަކަށް އެ ދުވަހު ހަމަލާދީފައިވާ ކަމަށެވެ. އަދި ސިފައިން ދޭން ފެށީ ރައްދު ހަމަލާތައް ކަމަށް ބުނެފައިވެ އެވެ. ރަކީންގެ ހަމަލާތައް ވަރުގަދަވުމުން މިއަންމާ ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީންގެ އަދަދު ވަނީ 582،000 އަށް އަރައިފަ އެވެ.