އުމުރުން 50 އަހަރުގައި ވެސް މި މަންމަ ޒުވާން
އުމުރުން 50 އަހަރުގައި ވެސް މި މަންމަ ޒުވާން

އުމުރުން ދުވަސްވުމަކީ އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. އެކަމަކު ދުވަސްވުމުގެ އަސަރުތައް ބައެއް މީހުންގެ ހަށިގަނޑުން ފެންނަން ފަށަނީ ލަހުންނެވެ. އިންޑޮނީޝިއާގެ ޖަކާޓާގައި ދިރިއުޅޭ ޕުޝްޕާ ދޭވީ، 50، އަކީ މިފަދަ އަންހެނެކެވެ. އޭނާގެ ޒުވާންކަމުން ވަރަށް ގިނަ ބަޔަކަށް އޭނާގެ އަސްލު އުމުރު ގަބޫލުކުރަން ވެސް ދަތިވެ އެވެ.

ޕުޝްޕާ އަކީ ވަރަށް ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭގެ އިތުރުން ހާޑީޖެނެޓިކްސްގެ ނަމުގައި ޔޫޓިއުބް ޗެނަލެއް ވެސް އޭނާ ހިންގަ އެވެ. މި ޗެނަލްގައި އޭނާގެ 250،000 ފޭނުން އެބަތިއްބެވެ. މީގެ އިތުރުން އިންޑޮނީޝިޔާގެ ޓީވީތަކުގައި ވެސް ޕުޝްޕާ އަކީ މަޝްހޫރު މޫނެކެވެ.

ޕުޝްޕާ އަށް މަޝްހޫރުކަން ލިބުނީ އޭނާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވުމާ ގުޅިގެންނެވެ. އެ ފޮޓޯ ބެލި ގިނަ ބަޔަކު އޭނާގެ އުމުރާ އެ ފޮޓޯއާ ނުގުޅޭތީ އެ ވާހަކަ ވަރަށް ގަދަޔަށް ދެއްކި އެވެ.

ޕުޝްޕާ ފިރިހެން ދަރިފުޅާ އެކު ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާއިން ފެނިފައި އެއީ ފިރިހެން ދަރިފުޅާއި އޭނާގެ ލޯބިވެރިޔާ ކަމަށް ވެސް ވަރަށް ގިނަ މީހުން ހީކުރި ކަމަށްވެ އެވެ.

ރީތިކަމުގެ ސިއްރުތައް އިންޑޮނީޝިޔާގެ ނޫހަކާ ހިއްސާކުރަމުން ޕުޝްޕާ ބުނީ އުމުރުން ދުވަސްވާ ވަރަކަށް އޭނާ ސިފަ އަންނަނީ ޒުވާން ވަމުން ކަމަށެވެ. ޒުވާންކަމުގެ ސިއްރަކީ އޭނާގެ އުފާވެރި ދިރިއުޅުން ކަމަށް ވެސް ޕުޝްޕާ ބުންޏެވެ.

"މިހާރު ދަރިން ބޮޑެތިވެއްޖެ. އަދި ވިޔަފާރި ވެސް ވަރަށް ރަނގަޅަށް ކުރިޔަށް އެބަދޭ. އެހެންވެ އުފަލުން ގޮސް ޒުވާންކަން އިތުރަށް ފާޅުވަނީ ކަމަށް އަހަންނަށް ގަބޫލު ކުރެވެނީ،" ޕުޝްޕާ ބުންޏެވެ.

ޕުޝްޕާ ބުނި ގޮތުގައި އޭނާއަކީ ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާ އެކު އެރޮބޮކް، ފެތުން، ބެޑްމިންޓަން އަދި ޒުމްބާ ފަދަ ކަންތައްތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ހުސްކުރާ މީހެކެވެ.