19 އޮކްޓޯބަރ 2017 - 06:19

ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު އާނަންދް އެލް. ރާއީގެ ފިލްމުގައި މެހެމާނެއްގެ ރޯލު އަދާކުރާ ކަމަށް ދީޕިކާ ޕަދުކޯން ބުނެފި އެވެ.
ޝާހްރުކް ޑުވޯފެއްގެ ރޯލު އަދާކުރާ މި ފިލްމުގެ ބަތަލާއިންނަކީ އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފް އެވެ.
ދީޕިކާ ބުނި ގޮތުގައި އޭނާގެ ރޯލު ކުރު ނަމަވެސް ވަރަށް މަޖާވާނެ އެވެ.
"ޝާހްރުކް އެއްދުވަހަކު ކުއްލިއަކަށް ގުޅާފައި ބުނި ވަރަށް ޚާއްސަ ރޯލެއް އަހަންނަށް އެބައޮތޭ އެ ފިލްމުގައި. އެއީ ކުރު ނަމަވެސް ވަރަށް މަޖާ ޚާއްސަ ރޯލެކޭ. އަހަރެން ވެސް އެ ރޯލާ ވަރަށް ހިތްހަމަޖެހޭތީ ކުޅުނީ،" ދީޕިކާ ބުންޏެވެ.
ޝާހްރުކްގެ މި ފިލްމުގެ ލަވައެއްގައި ވެސް ވަރަށް ގިނަ ފިލްމީ ތަރިން ބައިވެރިވެ އެވެ. ޝާހްރުކް ވަނީ ބައެއް ބަތަލާއިންނާއެކު ނަގާފައިވާ ފޮޓޯތަކެއް ވަރަށް ފަހުން އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ. ނަމަވެސް ދީޕިކާ ބައިވެރިވަނީ މިލަވައިގައި ކަމެއް ނުވަތަ ދީޕިކާ އަށް ޚާއްސަކޮށް ރޯލެއް ފިލްމުގައި އޮތީކަމެއް ދީޕިކާ ނުބުނެ އެވެ.