ކާދަރް ޚާން ވަރަށް ބަލި، އެކަމަކު އަދިވެސް އުފާވެރި: އާއިލާ
ކާދަރް ޚާން ވަރަށް ބަލި، އެކަމަކު އަދިވެސް އުފާވެރި: އާއިލާ

ކުރީގެ ފިލްމުތަކުގައި މުހިންމު ރޯލުތައް ކުޅެގެން މަޝްހޫރުކަން ހޯދި ކާދަރް ޚާން މިހާރު ވަރަށް ބަލި ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ކާދަރް ޚާންގެ ދަރިފުޅު ޝަރްފަރާޒް ބުނީ ބައްޕަގެ ހާލު ސީރިއަސްވެ ހިނގައި ނޫޅެވޭ ކަމަށާއި މީހުން ދައްކާ ވާހަކަ ވެސް ބައްޕައަށް ނޭނގޭ ކަމަށެވެ. ކާދަރް ޚާން މިހާރު ދިރިއުޅެނީ އާއިލާއާ އެކު ކެނެޑާގަ އެވެ.

އުމުރުން ދުވަސްވެ ބަލި ހާލު ކިތަންމެ ގޯހަސް ބައްޕަ އަކީ ވަރަށް މަޖާ އުފާވެރި މިޒާޖެއްގެ މީހެއް ކަމަށާއި ބައްޕަ ގެންގުޅެނީ ކުޑަކުއްޖެއްހެން ކަމަށް ޝަރްފަރާޒް ބުންޏެވެ.

"މިހާރު ވާހަކަ ދައްކަން ވެސް ވަރަށް އުނދަގޫ. އަދި އެހެން މީހުން ދައްކާ ވާހަކަ ވެސް ވަރަށް ނޭނގޭ. ހަމައެކަނި އެނގެނީ އަހަރެމެން ދެމަފިރިން ދައްކާ ވާހަކަ އެކަނި،" ކާދަރް ޚާންގެ ދަރިފުޅު ބުންޏެވެ.

ތިންސަތޭކަ އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ކާދަރް ޚާނަކީ ވަރަށް ގިނަ ފިލްމުތަކެއްގެ ވާހަކަ އާއި ޑައިލޯގް ލިޔެފައިވާ ވަރަށް މޮޅު ލިޔުންތެރިއެކެވެ.

އަމީތާބު ބައްޗަން ބަތަލުގެ ބައި ކުޅެފައިވާ ކޫލީ އަދި ޔާރާނާ ފަދަ ފިލްމުތަކަކީ ކާދަރް ޚާން ލިޔެފައިވާ ވާހަކަތަކެވެ. މީގެ އިތުރުން އަމީތާބުގެ މަޝްހޫރު ގިނަ ފިލްމުތަކަކަށް ކާދަރް ޚާން ވަނީ ވަރަށް މޮޅަށް ޑައިލޯގް ލިޔެދީފަ އެވެ. އޭގެ ތެރޭގައި އަގްނީޕަތު، މިސްޓަ ނަޓްވަރްލާލް، ހަމް ސައްތޭ ޕެ ސައްތާ އަދި އިންގިލާބު ފަދަ ފިލްމުތައް ހިމެނެ އެވެ.

"މޭރީ އާވާޒް ސުނޯ" އަށް 1982 ގައި އޭނާ ލިޔެދިން ޑައިލޯގަށާއި 1993 ގައި "އަންގާރް" އަށް ލިޔެދިން ޑައިލޯގަށް ފިލްމް ފެއާ ބެސްޓް ޑައިލޯގް އެވޯޑު ލިބިފައިވެ އެވެ.