19 އޮކްޓޯބަރ 2017 - 06:19

މަޝްހޫރު ފިލްމީ ބަތަލު އާމިރު ޚާންގެ "ސީކްރެޓް ސުޕަސްޓާ" ރިލީޒްކުރަން ކައިރިވެފައިވާއިރު ފިލްމުގެ ޚާއްސަ ޝޯތަކެއް އާމިރު އަންނަނީ އޭނާއަށް އެންމެ ޚާއްސަ މީހުންނަށް ބާއްވަމުންނެވެ. އެގޮތުން ބައެއް ފާޑުކިޔުންތެރިން ވެސް މިހާތަނަށް ފިލްމު ބަލާފައި ރިވިއުތައް ވަނީ ލިޔެފަ އެވެ.
ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މި ފިލްމަކީ މަންމަ އާއި މައިވަންތަ ލޯތްބަށް އާމިރު ދީފައިވާ ޓްރިބިއުޓެކެވެ.
މި ފިލްމުގައި 16 އަހަރުގެ ޒާއިރާ ވަސީމް ދައްކާދީފައިވާ މޮޅު އެކްޓިންގެ ސަބަބުން އާމިރު ކުރިން ވެސް ބުނެފައިވާ ގޮތަށް ޒާއިރާ ވަރުގެ ކުޅަދާނަ ބަތަލާއެއް މިވަގުތު ނެތް ކަމަށް ގަބޫލުކުރަން ގިނަ ބަޔަކަށް ވަނީ މަޖްބޫރު ވެފަ އެވެ.
"ސީކްރެޓް ސުޕަސްޓާ"ގައި އާމިރު ވަރަށް ކުޑަކުޑަ ރޯލެއް ކުޅުނު ނަމަވެސް މުޅި ފިލްމުގެ ޒިންމާ އެޅިފައި އޮތީ ހަމައެކަނި ޒާއިރާގެ ކޮނޑުގަ އެވެ.
ކުޑައިރުއްސުރެ މޮޅު ލަވަކިޔުންތެރިޔަކަށް ވުމުގެ އުންމީދުގައި ހުރި އިންސިޔާ (ޒާއިރާ) އޭނާގެ ހުވަފެން ހަގީގަތަކަށް ހަދަން ކުރާ މަސައްކަތް "ސީކްރެޓް ސުޕަސްޓާ" ގައި ވަރަށް ފުރިހަމައަށް ދައްކާފައިވެ އެވެ.
މި ފިލްމުގައި އާމިރު ފެންނަނީ އިންޓަވަލްގެ ފަހުން ނަމަވެސް މީހުންގެ ސަމާލުކަން ޒާއިރާއަށް ލިބޭނެ ގޮތް ހަދަން އާމިރު މަސައްކަތް ކޮށްފައިވެ އެވެ.
ފިލްމުގެ ރިވިއުތަކުގައި ބުނެފައިވާ ގޮތުގައި "ސީކްރެޓް ސުޕަސްޓާ" ގައި އާމިރު އޭނާގެ ކެރެކްޓާ މޮޅު ކުރަން މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާ ބަލާފައި ވަނީ ޒާއިރާއަށް މީހުންގެ ސަމާލުކަން ހޯދައިދިނުމަށެވެ.
މިއީ މަންމައަކާއި ދަރިއެއްގެ ގުޅުމާއި ދަރިންނަށްޓަކައި މައިމީހާ ވާ ގުރުބާނީ ވަރަށް ރަނގަޅަށް ދައްކުވައިދޭ ފިލްމެކެވެ.
"ސީކްރެޓް ސުޕަސްޓާ" ޑައިރެކްޓްކޮށްފައި ވަނީ އަދަވައިތު ޗަންދަން އެވެ. މި ފިލްމާ ބޮކްސް އޮފީހުގައި ކުރިމަތިލާނީ އަޖޭ ދޭވްގަންގެ "ގޯލްމާލް އެގެއިން" އެވެ.
ޓްރޭޑް އެކްސްޕާޓުން ލަފާ ކުރާ ގޮތުގައި "ސީކްރެޓް ސުޕަސްޓާ" އަށް ވުރެ ރަނގަޅު ފެށުމެއް ލިބޭނީ "ގޯލްމާލް އެގެއިން" އަށެވެ. ސަބަބަކީ މި ސިލްސިލާގެ ކުރީގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބިފައި ވާތީ މިފަހަރުގެ ފިލްމު ވެސް ބަލާލުމުގެ ޝައުގުވެރިކަން ގިނަ ބަޔެއްގެ އޮތީމަ އެވެ. ނަމަވެސް އާމިރުގެ ފިލްމުގެ މޮޅު ވާހަކަ މީހުން ދައްކާ ނަމަ މަޑުމަޑުން ފިލްމުގެ ވިޔަފާރި ރަނގަޅުވަމުން ގޮސް "ގޯލްމާލް އެގެއިން" އަށް ވުރެ ކުރި ހޯދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.