މަޖީދީ މަގުގެ އެންމެ ފަހު ބައި ހަދަން ފަށައިފި
މަޖީދީ މަގުގެ އެންމެ ފަހު ބައި ހަދަން ފަށައިފި

އަލުން ގާ އަތުރައިގެން ހަދަމުން އަންނަ މަޖީދީ މަގުގެ އެންމެ ފަހު ބައިގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މަޖީދީ މަގު އަލުން ހެދުމަށް މިދިޔަ އަހަރު ފެށި މަޝްރޫއުގެ ދަށުން، އެ މަގުގެ ބޮޑުބައި މިހާރު ނިންމާފައިވާ އިރު، މިއަދު މަސައްކަތް ފަށާފައިވަނީ ހެންވޭރު ދަނޑުން ފެށިގެން އިރަށް އޮތް ބައެވެ. އެ ހިސާބުން އާޓިފިޝަލް ބީޗާހަމަ އަށް އޮތް ބައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް ބެލެވެ އެވެ.

އެކަމަކު އެ މަސައްކަތް ނިމޭނެ ވަކި ދުވަހެއް ހައުސިން މިނިސްޓްރީން ނުބުންޏެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މަޖީދީ މަގުގައި މިހާރު ހުރި ގާތައް ނެގުމަށް ފަހު، ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅުކޮށް، އާ ގާ އެތުރުމަށް ފަހު ޕޭމަންޓް ވެސް އަންނަނީ ހަދަމުންނެވެ.

މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަނީ އެ މަސައްކަތް ކުރާ ސަރަހައްދެއް ބަންދުކޮށްގެންނެވެ. އެހެންވެ، ވޭތުވެ ދިޔަ ދުވަސްތަކުގައި އެ މަގާ ގުޅިފައިވާ ޓްރެފިކް ފްލޯ އަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ

މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމީ ބައެއް މަގުތައް ވަރަށް ބޮޑަށް ހަލާކުވުމުންނެވެ. އޭގެ އިތުރުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު މަޝްރޫއުއާ އެކު މާލެ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަލުން ހަދަން ޖެހޭ ގިނަ މަގުތަކެއް ހުރުމާ އެކު އޭގެ ތެރެއިން ވަރަށް ގިނަ މަގުތައް ރަނގަޅު ފެންވަރަކަށް ބަދަލުކޮށް، މިހާރުގެ އާންމު ޝަކުވާތައް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.