18 އޮކްޓޯބަރ 2017 - 10:30

ދޯހާ (އޮކްޓޯބަރު 18) - ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ވޭތުވެދިޔަ ހަތަރު މަސް ދުވަހު ތެރޭ ސައުދީ އަރަބިއާ އިން މަސައްކަތް ކޮށްފައި ވަނީ ގަތަރުގެ ވެރިކަން ބަދަލު ކުރަން ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ސާނީ ވިދާޅުވެއްޖެ އެވެ.
ސީއެންބީސީއާ ވާހަކަ ދައްކަވަމުން ޝެއިޚް މުހައްމަދު ވިދާޅުވީ ގަތަރުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ސައުދީ އޮފިޝަލުން ބުނެފައިވާ އަޑުތައް އިވިފައިވާ ކަމަށެވެ.
ސައުދީ އަރަބިއާ އިސްވެ ގަތަރާ ސިޔާސީ ގުޅުން ކަނޑާލީ ޖޫން 5 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހުރޭން އަދި މިސްރުން ވެސް ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ސަބަބެއް ކަމަށް ބުނަމުން ދިޔައީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވުމާއި އީރާނާ އެކު ގުޅުން ބާއްވަމުން ދިއުމެވެ.
ޝެއިޚް މުހައްމަދު ވިދާޅުވީ ގަތަރަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުގެ ބޭނުމަކީ ޓެރަރިޒަމް ނައްތާލުން ނޫން ކަމަށާއި ގަތަރަށް "ބުލީ ކުރުން" ކަމަށެވެ.
ޝެއިޚް މުހައްމަދު އަދި ވިދާޅުވީ ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅު ހަނގުރާމަ ވެސް މަޑުޖެހިއްޖެ ކަމަށެވެ.
މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒް ގާއިމްކޮށްފައި ވަނީ ގަތަރުގަ އެވެ. ގަތަރުގައި އެމެރިކާގެ 11،000 ސިފައިން ތިބެ އެވެ. ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ގުދުރަތީ ގޭސް އެކްސްޕޯޓްކުރާ ގައުމަކީ ވެސް ގަތަރެވެ.