18 އޮކްޓޯބަރ 2017 - 10:23

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާގައި ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިތައް ގަބޫލުނުކުރަން އޭނާގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދެއްވިި ކަމަށް ބުނެ ފާރިސަށް ކުރާ އެ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން އެ ހުށަހެޅުންތައް ހުށަހެޅީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން ދެ ފަރާތުން ވެސް ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ޖެހޭތީ އެވެ.
ފާރިސްގެ ފަރާތުން އިއްޔެ ވަނީ ޖުމްލަ 23 ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.
އެ ހުށަހެޅުންތައް ލިޔުމުން އިއްޔެ ކޯޓަށް ހުށަހެޅިޔަސް ޝަރީއަތުގެ މަޖިލީހަށް ރަސްމީކޮށް ހުށަހަޅާނީ އަންނަ ހަފުތާގައި ބާއްވާ އަޑުއެހުމުގަ އެވެ. އެ އަޑުއެހުމުގައި ދައުލަތުން ވެސް ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅާނެ އެވެ.
އޭނާއާ ދެކޮޅަށް ހުރި ހެކިތައް ބަލައިނުގަތުމަށް ހަތް ހުށަހެޅުމެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާ ސިއްރު ހެކިވެރިޔާއަކީ ގަބޫލުނުކުރެވޭނެ ހެއްކެއް ކަމަށް ކަނޑައަޅާދިނުމާއި ތިން ފުލުހެއްގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓް ގަބޫލުނުކުރަން އެދުމުގެ އިތުރުން ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތައް ބަލައިނުގަންނަން ހުށަހެޅި ހުށަހެޅުން ހިމެނެ އެވެ.
ފާރިސްގެ ފަރާތުން ވަނީ މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލު ހަދަން އަމުރެއް ނެރެދޭން ވެސް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ހެކި ހާމަކޮށްދިނުމުގެ އަމުރެއް ނެރެދޭން ވެސް އެދުނެވެ.
އެކި ސަބަބުތަކާ ހެދި ދައުވާ ބާތިލްކުރުމަށް ނުވަތަ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ހަތް ހުށަހެޅުމެއް ފާރިސްގެ ފަރާތުން ހުށަހެޅި އެވެ. އެ ހުށަހެޅުންތައް ބިނާކުރީ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގު ފާރިސްގެ ކިބައިން ނިގުޅައިގެންފައިވާތީ އާއި ގާނޫނާ ޚިލާފަށް ތަހުގީގު ހިންގުމާއި ހަމަހަމަ ކަމުގެ އުސޫލާ ޚިލާފަށް ފާރިސަށް ދައުވާ ކުރާތީ އޭގެ މައްޗަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ބުނެ އެ ދައުވާ ބާތިލް ކުރަން ވެސް ފާރިސްގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ. ދައުވާ ފޯމްގައި ސޮއިކުރީ ހުއްދަ އޮތް ފަރާތެއް ކަން އެނގެން ނެތުމުން އެ ސަބަބުގެ މައްޗަށް ބިނާކޮށްގެން ވެސް ދައުވާ ބާތިލްކުރަން އެދިފައިވެ އެވެ.
ދައުވާ ބާތިލް ކުރަން ހުށަހެޅި ހުށަހެޅުންތަކުގެ އިތުރުން ޝަރީއަތް މަޑުޖައްސާލަން ވެސް ފާރިސްގެ ފަރާތުން ވަނީ ހަތަރު ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވަނިކޮށް އޭނާ މިހާރު ވަނީ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެއީ ޖަލުގެ މަރާމާތެއް ކުރަމުންދާތީ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.
ރިޝްވަތުގެ މައްސަލާގައި ފާރިސްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކުރާނެ އެވެ.