18 އޮކްޓޯބަރ 2017 - 10:10

ބާސެލޯނާ (އޮކްޓޯބަރު 18) - ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ސަޕޯޓަރުން ވައްދައިގެން ކުޅޭއިރު ބައްދަލުކުރާނީ އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ކުރިން ކޯޗުކޮށްދިން ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށެވެ.
މިއީ މި މަހު އެއް ވަނަ ދުވަހު ލަސް ޕަލްމަސްއާ ދެކޮޅަށް ސަޕޯޓަރުން ނުވައްދާ ކުޅުނު މެޗަށް ފަހު އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗެވެ. ސަޕޯޓަރުން ނުވައްދާ އެ މެޗު ކުޅެން ބާސެލޯނާ އިން ނިންމީ، އެ ކްލަބް ނިސްބަތްވާ ސަރަހައްދު ކަމަށްވާ ކެޓަލޯނިއާގައި ވަކި ދައުލަތަކަށް ގާއިމްކުރަން ފެނޭތޯ ބެލުމަށް އެ ދުވަހު ނެގި ވޯޓާ ގުޅިގެން މެޗު ފަސްކޮށްދޭން އެ ކްލަބުން އެދުނު އެދުމަށް ސްޕެނިޝް ލީގުން ދެކޮޅު ހެދުމުންނެވެ.
"މި މެޗުގައި އަހަރެން މި ނުކުންނަނީ ކުރިން ކޯޗުކޮށްދިން ޓީމަކާ (އޮލިމްޕިއާކޯސް) ދެކޮޅަށް. މި މެޗު ހާއްސަވަނީ އެ ސަބަބަކާ ހެދި އެއް ނޫން. ސަޕޯޓަރުން ގޮވައިގެން އަލުން އަމިއްލަ ދަނޑުގައި މެޗަކަށް ނުކުންނަން ލިބޭ ފުރުސަތެއް މިއީ،" އޮލިމްޕިއާކޯސް އަށް 2010 އިން 2012 އަށް ކޯޗު ކޮށްދިން ވަލްވޭޑޭ ބުންޏެވެ.
ވަލްވޭޑޭ ވަނީ މި މެޗުގެ ކުރިން ބާސެލޯނާ ސަޕޯޓަރުންނަށް މެސެޖެއް ދީފަ އެވެ.
"އަހަރެން ސަޕޯޓަރުންނަށް އެދޭ އެދުމެއް އެބައޮތް. މެޗުގެ މާހައުލު ޓީމާ އެކު ބޭއްވުމަށް އެއްވެސް ގޯސް އަމަލެއް ނުހިންގުން އެެދެން. ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ދަނޑަށް ވަންނަ ކޮންމެ ސަޕޯޓަރަކަށް އޮންނާނެ. އެކަމަކު އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުން ބޭރުވެގެނެއް ނުވާނެ. އެއީ އޭގެ ގެއްލުން ކްލަބަށް ލިބިދާނެތީ،" ވަލްވޭޑޭ ބުންޏެވެ.
އޮލިމްޕިއާކޯސް އެންމެ ފަހުން ސްޕެއިނުގެ ޓީމުތަކާ ދެކޮޅަށް އެ ގައުމުގައި ކުޅުނު 14 މެޗުން މޮޅެއް ހޯދިފައެއް ނުވެ އެވެ. ވަލްވޭޑޭ ބުނީ މާޒީގައި ވެފައި އޮތް ކަމަކަށް ބަލައިގެން އެއްވެސް މެޗަކަށް ތައްޔާރުނުވާނެ ކަމަށެވެ.
ބާސެލޯނާ މި ވަގުތު ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސްޕޯޓިން އާއި ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އޮލިމްޕިއާކޯސް އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.
ބާސެލޯނާ އާއި އޮލިމްޕިއާކޯސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.