18 އޮކްޓޯބަރ 2017 - 10:08

ލުބްލިޔާނާ، ސްލޮވީނިއާ (އޮކްޓޯބަރު 18) - ޗެމްޕިއަންސް ލީގުގައި ރޭ ސްލޮވީނިއާގެ ޗެމްޕިއަން މަރިބޯ އަތުން 7-0 އިން މޮޅުވެ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އެންމެ ބޮޑު މޮޅު ހޯދި އިނގިރޭސި ކްލަބްގެ ރެކޯޑް ލިވަޕޫލުން ހަދައިފި އެވެ.
މީގެ ކުރިން ޗެމްޕިއަންސް ލީގުގައި އިނގިރޭސި ކްލަބެއް ރަށުން ބޭރުގައި އެންމެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވުމުގެ ރެކޯޑް އޮތީ ލީޑްސް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް އަތުގަ އެވެ. މެންޗެސްޓާ ޔުނައިޓެޑުން 1957 ވަނަ އަހަރު އަޔަލެންޑްގެ ޝަމްރޮކް ރޯވާސް އަތުން 6-0 އިން މޮޅުވެ ހެދި ރެކޯޑާ ލީޑްސް އިން ހަމަކުރީ 1969 ވަނަ އަހަރު ނޯވޭގެ ލިން 6-0 އިން ބަލިކުރުމަށް ފަހު އެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ހަތް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މިސްރުގެ ތަރި މުހައްމަދު ސަލާހު އެވެ. އަނެއް ފަސް ލަނޑުގެ ތެރެއިން ރޮބާޓޯ ފިރްމީނޯ ދެ ލަނޑު ޖެހިއިރު، ފިލިއްޕޭ ކުޓީނިއޯ އާއި އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އަދި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. މި މެޗުގައި ޗަމްބަލެއިން ޖެހި ގޯލަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލް ދޫކޮށް ލިވަޕޫލާ ގުޅުނު ފަހުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މި މޮޅާ އެކު ލިވަޕޫލް ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ސްޕާޓާ މޮސްކޯއާ އެއްވަރަށް ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ރޭ ސެވިއްޔާ އަތުން ސްޕާޓާ 5-1 އިން މޮޅުވި ނަމަވެސް އެ ޓީމު ދެ ވަނައިގައި އޮތީ ލިވަޕޫލަށް ވުރެން ފަައިދާ ގޯލު މަދުވުމުންނެވެ. ތިން ވަނައިގައި ސެވިއްޔާ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް މަރިބޯ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗަށް ނުކުތް ޓާގެޓް ހާސިލްވިއިރު ރެކޯޑެއް ހެދުމަކީ އިތުރު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"އަހަންނަށް ރެކޯޑްގެ ވާހަކަ އެގުނީ މެޗަށް ފަހު. މޮޅެއް ލިބުނުއިރު ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ ރެކޯޑެއް ހެދުމަކީ އިތުރު ހިތްހަމަޖެހުމެއް. މި ކަހަލަ ކްލަބަކަށް އަބަދުވެސް ރެކޯޑެއް ހެދުމުގެ ފުރުސަތު އޮންނާނެ. އެއީ މުއްސަނދި ތާރީހެއް އޮތުމުން،" ކްލޮޕް ބުންޏެވެ.
ރޭ ގްރޫޕް ޖީގައި ކުޅުނު މެޗުތަކުން މޮނާކޯ ވަނީ އަމިއްލަ ދަނޑުގައި ބެސިކްޓާސް އަތުން 2-1 އިން ބަލިވެފަ އެވެ. އަދި ޕޯޓޯ އަތުން އާރްބީ ލިޕްޒިގު ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު 3-2 އިން މޮޅުވެފަ އެވެ.