18 އޮކްޓޯބަރ 2017 - 10:10

ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ބަލަން ނިންމައިފި އެވެ.
އަބްދުﷲ މަރުވީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ޖަލު ގޮޅީގައި ވޭން ތަހައްމަލު ކޮށްފައި ކަމަށް އާއިލާ އާއި އޭނާއާ އެކު ޖަލުގައި ތިބި ބައެއް ގައިދީން ވަނީ ބުނެފަ އެވެ.
އެންއައިސީން ބުނީ އަބްދުﷲ މަރުވުމާ ގުޅިގެން އެކި ފަރާތްތަކުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އެ ސާވިސްގެ މުވައްޒަފުންނަށް ތުހުމަތުކޮށް އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދާތީ، އެތަނުގެ އިހުމާލެއް އެކަމުގައި އުޅޭތޯ ބެލުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އަބްދުﷲ ގެ މަރުގެ މައްސަލަ އެންއައިސީން ބަލަން ނިންމާފައި ވަނީ އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށެވެ. އަބްދުﷲ މަރުގެ މައްސަލަ އެޗްއާރްސީއެމްއިން ވެސް އަންނަނީ ބަލަމުންނެވެ.
އޭނާގެ އާއިލާ އިން ބުނާ ގޮތުގައި ޖަލަށް ލީ ފަހުން ސިއްހީ ހާލަތު ދަށްވަމުންދާތީ، އެކި ފަހަރުމަތިން ފަރުވާ އަށް ކަރެކްޝަންސްގައި އެދުމުން ވެސް އަޅާލާފެއް ނުވެ އެވެ. އެންމެ ފަހުން އޭނާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ، އަނބުރައިގަނެގެން ގޮޅި ތެރެއަށް ވެއްޓުމުން، އެ ވަގުތު ގޮޅީގައި ތިބި މީހުން އަޑުގަދަކޮށްގެން ކަމަށް ވެސް ވެ އެވެ.