އީދުގެ ބޮޑު ޖަމާއަތް ސްޓޭޑިއަމަކު ނޫން، އިސްލާމީ މަރުކަޒުގައި
އީދުގެ ބޮޑު ޖަމާއަތް ސްޓޭޑިއަމަކު ނޫން، އިސްލާމީ މަރުކަޒުގައި

މި ފަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ދެކުނު ފަރާތު ސްޓޭޑިއަމްގެ ބަދަލުގައި އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މީސަމް މުސްތަފާ މިއަދު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް، ސްޓޭޑިއަމްގެ ބަދަލުގައި އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ނިންމީ، މަޒުކަޒުގެ ވަށައިގެންވާ ސަރަހައްދުގައި މާބުލް ޖަހައި ގިނަ ބަޔަކަށް އެއްފަހަރާ އެ ތަނުގައި ނަމާދު ކުރެވޭ ގޮތަށް އެތަން ޒީނަތްތެރި ކޮށްފައިވާތީ އެވެ.

އިސްލާމީ މަރުކަޒުގެ އިތުރުން މާލެ، ހުޅުލެ އަދި ހުޅުމާލެ އާއި ވިލިމާލޭގެ 22 މިސްކިތެއްގައި އީދު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި މާފަންނު ބޮޑުގޭގައި އަލަށް ހެދި ވަގުތީ މިސްކިތް ވެސް ހިމެނެ އެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން ފެށިގެން އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަމުން އައީ މާފަންނު ސްޓޭޑިއަމްގަ އެވެ. އެ ތަނުގައި ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ އެވެ.

އިސްލާމީ މަރުކަޒުގައި މާބުލް ޖަހައި ނިންމުމުން އެއްފަހަރާ 20،000 އަށް ވުރެ ގިނަ މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.