ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ވަނީ ބާކީވެފައި: ނަޝީދު
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ވަނީ ބާކީވެފައި: ނަޝީދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ ބާކީ ވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރުސީ)ގެ ކުރިއަށް އޮތް ދައުރަށް ގައުމުތައް އިންތިހާބު ކުރުމާއި އެ އިންތިހާބުން ރާއްޖެ ވަކިވުމާ ބެހޭ ގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އިންތިހާބުގައި ރާއްޖޭން ބައިވެރި ނުވާން މާކުރިން ނިންމި ސަބަބު ގަބޫލު ކުރެއްވޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ މަނިކުފާނު އިޝާރާތް ކުރެއްވީ، ރައީސް ޔާމީންގެ ވެރިކަމުގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބާކީ ވެފައި ވުމެވެ.

ޔޫއެންއެޗްއާރުސީގެ ކުރިއަށް އޮތް ދައުރަށް ކުރިމަތިލުމަށް ފަހު ރާއްޖެއިން ނަން އަނބުރާ ގެންގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

ހިއުމަން ރައިޓްސް ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުމަށް އެ ކައުންސިލްގައި އިއްޔެ ރޭ ނެގި ވޯޓުގައި އެ ކައުންސިލަށް އޭޝިއާގެ ފަސް ގައުމަކުން ވާދަކުރި އެވެ. އޭގެ ތެރެއިން ޔޫއެންއެޗްއާރުސީގެ މެމްބަރުކަމަށް އިންތިހާބުވީ ނޭޕާލާއި ޕާކިސްތާނާއި ގަތަރާއި އަފްގާނިސްތާނެވެ. އެކަށީގެންވާ ވަރަށް ވޯޓު ނުލިބުމުން މެލޭޝިޔާ އަށް ނާކާމިޔާބުވީ އެވެ.

ނަޝީދު ވިދާޅުވީ އެ ކައުންސިލަށް ގަތަރު އިންތިހާބު ވުމަކީ ލިބުނު އުފަލެއް ކަމަށެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ، ރާއްޖޭން ވަނީ ޖޫން މަހު އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ.

ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ އިން ވާދަނުކުރި އިރު، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ބައެއް ގައުމުތަކުން ވަނީ އެ ކައުންސިލްގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ އަށް ރައްދު ދީ ސަރުކާރުން ބުނެފައިވަނީ ކަންކަން އިސްލާހު ކުރަން ވަގުތު ބޭނުންވާ ކަމަށާއި ގިނަ ކަންތައްތަކެއް މިހާރު ވެސް ރަނގަޅު ކޮށްފައިވާ ކަމަށެވެ.