03 ޖުލައި 2016 - 11:02

ޔަންގޫން (ޖުލައި 3) - ރުޅިގަދަވެފައި ތިބި ބުޑިސްޓުންގެ ބަޔަކު މިއަންމާގެ އުތުރުގެ ހިސާބެއްގައި ހުރި މިސްކިތެއްގައި އަލިފާން ޖަހާ އަންދާލައިފި އެވެ.

މިއީ ހަފުތާއެއްގެ ތެރޭގައި މިއަންމާގައި މިސްކިތްތަކަށް ދިން ދެ ވަނަ ހަމަލާ އެވެ. މިދިޔަ ހަފުތާގައި ވެސް ގްރޫޕަކުން ވަނީ މިއަންމާގެ މެދުތެރޭގައިވާ މިސްކިތަކަށް ހަމަލާދީ ހަލާކުކޮށްލައިފަ އެވެ.
ހަމަލާ ދިނީ ކަޗިން ސްޓޭޓް ހަކަންޓް އަވަށުގައިވާ މިސްކިތަކަށެވެ. ޚަބަރުތައް ބުނާ ގޮތުގައި ފުލުހުން މިހާރު ވަނީ މި އަވަށުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފަށައިފަ އެވެ.
މިއަންމާގައި ދީނީ ހަމަނުޖެހުންތައް އިތުރުވަމުންދާތީ ހަމަނުޖެހުން ހުއްޓުވުމަށް، ނޯބެލް އިނާމު ހޯއްދަވާފައިވާ އަން ސަން ސޫކީގެ ސަރުކާރަށް އދ. އިން ވަނީ އަންގައިފަ އެވެ. މިއަންމާ އަށް ކަނޑައަޅާފައި ހުންނަ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ވިދާޅުވީ މިސްކިތަށް ދިން ހަމަލާ ތަހުގީގު ނުކުރަން މިއަންމާ ސަރުކާރުން ނިންމުމުން ވަރަށް ކަންބޮޑުވާ ކަމަށެވެ.
"މިއީ ވަރަށް ގޯސް ސިގްނަލެއް. މިއަންމާގައި އަޣުލަބިއްޔަތު ނެތް ދީނީ އަދި އެހެން ޖަމާއަތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގުމުގެ ފުރުސަތު ނެތްކަން މިއަންމާ ސަރުކާރުން ހާމަކޮށްދޭން ޖެހޭ،" މިއަންމާ ކުރެއްވި 12 ދުވަހުގެ ދަތުރަށް ފަހު ލީ ވިދާޅުވި އެވެ.
ހަކަންޓް އަވަށުގައި ހުރި މިސްކިތަށް ބަޔަކު ވަދެ ތަންތަން ހަލާކުކޮށްލުމަށް ފަހު އެންމެ ފަހުން ވަނީ އެ މިސްކިތުގައި އަލިފާން ޖަހައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިސްކިތް އަންދާލި މީހުން ވަނީ އެ މިސްކިތް ބަލަހައްޓަން ތިބި ފުލުހުންނަށް ވެސް ހަމަލާދީފަ އެވެ. އަދި އަލިފާން ނިންވާލަން ދިޔަ ފަޔާ ބްރިގޭޑަށް ވެސް ވަނީ އެ މީހުން ހުރަސް އަޅައިފަ އެވެ.
"ހަމަނުޖެހުންތައް ހިނގަން ފެށީ މިސްކިތް ހަދާފައި ހުރީ ބުޑިސްޓް ފައްޅިއަކާ ކައިރީގައި ކަމަށްވާތީ. މުސްލިމުން ވަނީ އެ މިސްކިތް ހަލާކުކޮށްލަން ދެކޮޅު ހަދާފައި،" ފުލުހުންގެ އޮފިސަރެއް ކަމަށްވާ މޯއެ ވިން އޭއެފްޕީ އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސްކިތް އަންދާލި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި މި ބާވަތުގެ ހަމަލާއެއްގައި މެދުތެރޭގެ ބަގޯ ސްޓޭޓުގައި މިސްކިތެއް އަންދާލާ، އެ ސްޓޭޓުގެ މުސްލިމުންނަށް އަނިޔާ ކުރުމުން އެ މީހުން ވަނީ އަވައްޓެރި ޓައުނަކުން ހިޔާވަހިކަން ހޯދައިފަ އެވެ. މި މިސްކިތް ވެސް ތަޅާލާފައި ވަނީ ބުޑިސްޓުންގެ 200 މީހުންގެ ގްރޫޕަކުން ކަމަށް މިއަންމާގެ ބައެއް މީޑިއާތަކުން ބުންޏެވެ. މި ސްޓޭޓުގެ މުސްލިމުންގެ ހިމާޔަތަށް ކަމަށް ބުނެ ފުލުހުން ވަނީ ފޮނުވައިފަ އެވެ.
މިއަންމާގައި 2012 ވަނަ އަހަރުން ފެށިގެން ދަނީ މުސްލިމުންނާއި ބުޑިސްޓުންނާ ދެމެދު ހަމަނުޖެހުންތައް ހިންގަމުންނެވެ. އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުންދަނީ ހުޅަނގުގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ މުސްލިމުންނަށެވެ.