17 އޮކްޓޯބަރ 2017 - 16:16

ދިމިޝްގު (އޮކްޓޯބަރު 17) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސީރިއާގެ ވެރިރަށުގެ ގޮތުގައި ބެލި ރައްގާ ހިފައިފި ކަމަށް ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން މިއަަދު އިއުލާންކޮށްފި އެވެ.
ކުރުދީންނާއި އަރަބި ހަނގުރާމަވެރިންގެ މައްޗަށް އެކުލެވޭ އެސްޑީއެފުން ރައްގާ ހިފާފައި މި ވަނީ ހަތަރު މަސް ދުވަހުގެ އޮޕަރޭޝަނަކަށް ފަހު އެވެ. ރައްގާ ހިފުމަށް ދިން ހަމަލާތަކުގައި އެސްޑީއެފަށް ވަނީ އެމެރިކާ ސިފައިންގެ އެހީތެރިކަން ލިބިފަ އެވެ.
އައިއެސްގެ ބާރުން ރައްގާ ހިފުމުގެ އޮޕަރޭޝަން އެސްޑީއެފުން ފެށީ ޖޫން 6 ވަނަ ދުވަހު އެވެ. ވައިގެ ހަމަލާތަކާ އަދި އެމެރިކާ ކޯލީޝަނުގެ އެހީތެރިކަމާ އެކު އެއްގަމު މަގުން ދިން ހަމަލާތަކާ އެކު ރައްގާ އާއި އައިއެސްގެ ބާރުގެ ދަށުގައި އޮތް އެހެން ސިޓީތަކާ ގުޅުން ކެނޑިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ފަހުން ރައްގާ އަށް ވަނީ 3،000 އަށް ވުރެ ގިނަ ބޮން އަޅައިފަ އެވެ.
ރައްގާ އަށް ދޭ ހަމަލާތައް އިތުރުވާން ފެށުމުން ވޭތުދިޔަ ދުވަސްތަކުގައި އެ ސިޓީ ދޫކޮށް ދިޔަ އާއްމުންގެ އަދަދު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ރައްގާ ގެއްލުމަކީ އައިއެސް އަށް ލިބޭނެ ބޮޑު ދެރައެކެވެ. އިރާގުގައި އައިއެސް އިން ބާރުގަދަކޮށްގެން އުޅުނު މޫސަލް ވެސް ވަނީ ހިފައިފަ އެވެ. އައިއެސް އިން މޫސަލްއާ އެކު ރައްގާ ހިފީ 2014 ވަނަ އަހަރު އެވެ.