ފަސް އެއާޕޯޓް ހަދަން ފައިސާ ހަމަނުޖެހުމުން އެއްބަސްވުން ބާތިލުކޮށްފި
ފަސް އެއާޕޯޓް ހަދަން ފައިސާ ހަމަނުޖެހުމުން އެއްބަސްވުން ބާތިލުކޮށްފި

ފަސް ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ހަދަން ސަރުކާރުން ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުން އެއްބަސްވުން ބާތިލުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނެރަލް ސާމީ އަގީލް މިއަދު ވިދާޅުވީ ފަސް އެއާޕޯޓް ހަދަން ހަވާލުކުރި މެލޭޝިއާގެ ގްރިފޮން އެނާޖީއާއެކު ހެދި އެއްބަސްވުން މިދިޔަ މަހުގެ 18 ވަނަ ދުވަހު އުވާލީ ދެވަނަ ފުރުސަތެއް ދިނުމުން ވެސް ފައިސާ ހަމަނުޖެހިގެން ކަމަށެވެ.

މި މަޝްރޫއުގެ އަގު 57.7 މިލިއަން ޑޮލަރު (889 މިލިއަން ރުފިޔާ) އަށް އަރަ އެވެ. އެ ފައިސާ ހޯދަން ސަރުކާރުން ސޮވަރިން ގެރެންޓީއެއް ދިން ކަމަށް ވާހަކަދެކެވުނު ނަމަވެސް އެކަން ރީޖަނަލް އެއާޕޯޓްސް އިން ދޮގުކުރެ އެވެ.

"ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ލިބޭނެ ކަމަށް ބުނެ މެލޭޝިއާ އެގްޒިމް ބޭންކުގެ ލިޔުންތައް ހުށަހެޅުމުން. ނަމަވެސް ދެ ފަހަރަށް ފުރުސަތު ދީގެން ވެސް ފައިސާ ހަމަނުޖެހުމުން އެއްބަސްވުން ބާތިލުކުރީ،" އޭނާ ވިދާޅުވި އެވެ.

ސާމީ ވިދާޅުވީ އެއާޕޯޓު ހަދާ ފަސް ރަށުގެ ތެރެއިން ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގެ އެއާޕޯޓު ހަދާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބިން ހިއްކާ ނިމުމުން އެއާޕޯޓު ހަދަން ބަޔަކާ އަލުން ހަވާލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓް ހަދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކެއް އެބަހުރި. ދެން އޭގެ ތެރެއިން ބަޔަކާ އަލުން ހަވާލުކުރަން ސަރުކާރުން ކަނޑައެޅޭނެ،" ސާމީ ވިދާޅުވި އެވެ.

ކުޅުދުއްފުށްޓާއި ފުނަދޫގެ އިތުރުން ފ. ނިލަންދު އާއި ގދ. މާވާރުލު އަދި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓް އަޅަން މެލޭޝިއާގެ ގްރިފޮން އެނަޖީ ކޯޕަރޭޝަނާއެކު ސަރުކާރުން ސޮއިކުރީ މިދިޔަ މާޗް 7 ގަ އެވެ.