17 އޮކްޓޯބަރ 2017 - 15:54

ޕިއޮންޔޮން (އޮކްޓޯބަރު 17) - ކޮރެއާ ޕެނިންސުލާގެ ހާލަތު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި ކޮންމެ ވަގުތަކު ވެސް ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމަށް ނޯތު ކޮރެއާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ނައިބް ވިދާޅުވެއްޖެ އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގެ ޑިސާމަމެންޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ކިމް އިން-ރިއޮން ވިދާޅުވީ އެމެރިކާގެ ފަރާތުން ނިއުކްލިއާ ބިރު ކުރިމަތިވެފައިވާ ހަމައެކަނި ގައުމަކީ ނޯތު ކޮރެއާ ކަމަށެވެ. އަދި އަމިއްލަ ދިފާއުގައި ނިއުކްލިއާ ހަތިޔާރު ގެންގުޅުމަކީ ނޯތު ކޮރެއާ އަށް ލިބިގެންވާ ހައްގެއް ކަމަށެވެ.
ކިމް ވިދާޅުވީ ނޯތު ކޮރެއާ އިން މި އަހަރު ވަނީ ފުރިހަމަ ނިއުކްލިއާ ބާރަކަށްވެފައި ކަމަށެވެ. އަދި އެއީ އެޓޮމިކް ބޮމަކާއި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމެރިކާ މިހާރު އޮތީ ނޯތު ކޮރެއާގެ މިސައިލްތައް ފޯރާ ހިސާބުގައި. އެމެރިކާ އިން ނޯތު ކޮރެއާގެ ބިމުން އިންޗިއަކަށް އަރައިގެންފި ނަމަވެސް ނޯތު ކޮރެއާގެ އަދަބުން އެމެރިކާ ސަލާމަތްވާނެ އެއްގޮތެއް ވެސް ނޯންނާނެ،" ކިމް ވިދާޅުވި އެވެ.
ކިމް ވިދާޅުވީ ނިއުކްލިއާ ބިރުން ސަލާމަތްވެފައިވާ ދުނިޔެއެއް ނޯތު ކޮރެއާ ވެސް ބޭނުންވާ ކަމަށާއި ނަމަވެސް ނޯތު ކޮރެއާގެ ނިއުކްލިއާ ގާބިލްކަމުގެ ފިޔަ އެމެރިކާގެ ކުރިމަތީގައި ތިރިކޮށް ނުލާނެ ކަމަށެވެ.
ނޯތު ކޮރެއާ އިން އިންޒާރު ދިން ނަމަވެސް އެމެރިކާ އިން ދަނީ ޑިޕްލޮމެސީ ބޭނުންކޮށްގެން ކޮރެއާ މައްސަލަ އަށް ހައްލެއް ފެނޭތޯ މަސައްކަތް ކުރަމުންނެވެ.