ހަނދާން ބަލިވުން: ނުރައްކަލުގެ އަލާމާތެއް؟
ހަނދާން ބަލިވުން: ނުރައްކަލުގެ އަލާމާތެއް؟

ތަޅުދަނޑި އާއި އައިނު ފަދަ އަބަދު ހިފައިގެން އުޅޭ ބައެއް ތަކެތި ބޭއްވޭތަން ހަނދާން ނެތުމަކީ ބައެއް މީހުންނަށް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. މިކަން މާގިނައިން ދިމާވާން ފެށުމުން ބައެއް މީހުން ކަންބޮޑުވެ އެވެ. އެކަމަކު ތަޖުރިބާކާރުން ބުނަނީ މިއީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

އެކަމަކު ތަޅުދަނޑި ފަދަ ތަކެތި އާންމުކޮށް ބާއްވާ ތަނުގެ ބަދަލުގައި އައިސްއަލަމާރީ ފަދަ، އާދަޔާ ހިލާފު ތަންތަނަށް ލެވެން ފަށައިފި ނަމަ އެއީ ނުރައްކަލުގެ ނިޝާނެއްގެ ގޮތުގައި ބެލުމަށް ތަޖުރިބާކާރުން ލަފާ ދެއްވަ އެވެ.

ހަނދާން ބަލިވުމާ ގުޅޭ ގޮތުން ޑޮކްޓަރަށް ދައްކަން ޖެހެނީ ކޮންކަހަލަ ހާލަތެއްގައި ހެއްޔެވެ؟ ތިމާގެ އާންމު ސާފުތާހިރުކަން ބެލެހެއްޓުމަށް ކޮންމެ ދުވަހަކު ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ހަނދާން ނެތުމާއި ތަންތަނަށް ދާންޖެހޭ ވަގުތު އާންމުކޮށް ހަނދާން ނެތުމާއި ވެހިކަލް ޕާކުކުރެވޭ ތަން ހަނދާން ނެތުން އާންމުވުމަކީ ޑޮކްޓަރަށް ދައްކައިގެން އެ މީހެއްގެ ސިއްހީ މައްސަލައެއް ހުރިތޯ ބަލަންޖެހޭ ސަބަބުތައް ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނެފައިވެ އެވެ.

އިންޒާރުގެ އެހެން ނިޝާންތަކުގެ ތެރޭގައި، މީހަކާ ދެއްކި ވާހަކައެއް އެކީގައި ހަނދާން ނެތުމާއި ތިމާގެ މީހުންނާއި ގާތް އެކުވެރިންގެ ނަން ހަނދާން ނެތުމާއި ތަކުރާރުކޮށް އެއް ސުވާލެއް ކުރުން ހިމެނެ އެވެ.

ހަނދާންނެތުމުގެ މައްސަލައިން ރައްކާތެރިވެ ހުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ. އެގޮތުން، ކޮލެސްޓްރޯލް އާއި ލޭގެ ޕްރެޝަރު ދަށްކޮށް ބެހެއްޓުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި މަސްތުވާތަކެތި ބޭނުން ނުކުރުން ހިމެނެ އެވެ. ސިކުނޑީގެ ބޭނުންހިފަންޖެހޭ ފަދަ ކުޅިވަރުތަކުގައި ޝާމިލުވުމާ އެކު ކަސްރަތު ކުރުމަކީ ވެސް ސިކުނޑީގެ ދުޅަހެޔޮ ކަމަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ.

ހަނދާން ބަލިވުމުގެ މައްސަލަ މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެ އެވެ. ބައެއް ބާވަތްތަކުގެ ބޭސް ބޭނުންކުރުމާއި ރާބުއިމާއި ސްޓެރެސް އާއި ޑިޕްރެޝަން ހުރުމަކީ ވެސް ސަބަބުތަކެވެ. މީގެ އިތުރުން ބޮލަށް ބޮޑު އަނިޔާއެއް ލިބުން އެޗްއައިވީ ޖެހުން، ޓީބީ ޖެހުން، ސިފިލިސް އަދި ހާޕްސް އާއި ތައިރޮއިޑްގެ މައްސަލަތައް ވެސް ހިމެނެ އެވެ. ނިދި މަދުވުން ނުވަތަ ރަނގަޅަށް ނުނިދުމަކީ ވެސް ހަނދާން ބަލިވާ ކަމެކެވެ. މީގެ އިތުރުން ވިޓަމިން ބީ1 އާއި ބީ12 މަދުވުމުން ވެސް ހަނދާން ބަލިވާ ކަމަށް އެފްޑީއޭ އިން ބުނެފައިވެ އެވެ.

"ބައެއް މީހުންނަށް، ކަމެއް ހަނދާންކުރުމަކީ އެ މީހެއްގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް އުނދަގުލުން ކުރެވޭ ކަމެއް. އެކަމަކު ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައްތައް ހަނދާން ނެތޭ ހިސާބަށް ދިއުމަކީ، އުމުރުން ދުވަސްވުމާ ގުޅުން ހުރި ކަމެއް ނޫން،" އެފްޑީއޭގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާ އަށް ބަލާއިރު އެ ގައުމުގެ ފަސް މިލިއަނަށް ވުރެ ގިނަ މީހުންގެ، ހަނދާން ބަލިވުމުގެ އެކި މައްސަލަތައް ހުރެ އެވެ. އަދި މި އަދަދު 2050 ވަނަ އަހަރު އަންނައިރު ތިން ގުނަ އަށް އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.