17 އޮކްޓޯބަރ 2017 - 13:50

މި އަހަރުގެ މާލޭ މިޑްނައިޓް ރަން ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ރޭހުގެ މެއިން ސްޕޮންސަރަކަށް ފީލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ރިޒޯޓް ސަޕްލައި ކުރާ އެއް ކުންފުނި ކަމަށްވާ ފީލް އިންވެސްޓްމަނުން އަންނަނީ ސްޕީޑް ބޯޓާއި ކާގޯ ބޯޓް ކުއްޔަށް ދޫކުރުމުގެ ހިދުމަތާއި މާކެޓިން އަދި ޕްރިންޓިންގެ ހިދުމަތް ވެސް ދެމުންނެވެ.
ބުރާސްފަތި ދުވަހުގެރޭ ބާއްވާ މި ދުވުމުގައި 300 ދުވުންތެރިންނަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި މިހާތަނަށް ވަނީ އެ ޖާގަތައް ގާތްގަނޑަކަށް ފުރިފަ އެވެ. އެންމެ ގިނަ އަދަދަކަށް ބައިވެރިވެފައިވަނީ ފަސް ކިލޯމީޓަރު ދުވުމުގަ އެވެ. މީގެ އިތުރުން ހާފް މެރެތަންގައި ވެސް ގިނަ އަދަދަކަށް ވަނީ ބައިވެރިވެފަ އެވެ.
އާއްމު ރޭސްތަކާ ހިލާފަށް ރޭގަނޑުގެ ލަސް ވަގުތެއްގައި ފެށުމަށް ހަމަޖެހިފައިވާ މި އިވެންޓުގައި މައިގަނޑު ތިން ރޭހެއް އޮންނާނެ އެވެ. އެގޮތުން ފަސް ކިލޯމީޓަރު (މާލެ ވަށައި އެއް ބުރު) ގެ އޯޕަން އިވެންޓަކާއި 15 އަހަރުން ދަށުގެ އިވެންޓެއް ވެސް އޮންނައިރު 10 ކިލޯމީޓަރުގެ ދުވުމާއި ހިނގުމުގެ ރޭސް ވެސް އޮންނާނެ އެވެ. ހާފް މެރެތަން (މާލެ ވަށައި ހަތަރު ބުރު) ރޭސް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިވެންޓް ފުރިހަމަކުރާ 50 އަހަރުން މަތީގެ ދުވުންތެރިންގެ އަގުވަޒަންކުރުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
އަމިއްލަ ޖަމިއްޔާއަކުން އިންތިޒާމްކުރާ މިޑްނައިޓް ރަންގެ ރޭސްތައް ނިންމާ ކޮންމެ ބައިވެރިއަކަށް ވެސް މެޑަލެއް ދިނުމަށް ހަމަޖެހިފައިވާއިރު ތިން ގަޑިއިރަށް ވުރެ އަވަހަށް ހާފް މެރެތަން ރޭސް ނިންމާ ދުވުންތެރިންނަށް ފިނިޝާ ޓީޝާޓެއް ދޭނެ އެވެ.
މީގެ އިތުރުން އެރޭ ރޭގަނޑު 8 ޖަހާއިރު ޓްރެކުގައި ކުޑަކުދިންގެ ސްޕްރިންޓް އިވެންޓެއް އޮންނާނެ އެވެ. މި އިވެންޓުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް މެޑަލެއް ދޭނެ އެވެ.
މިއީ މިޑްނައިޓް ރަން ބާއްވާ ތިން ވަނަ ފަހަރެވެ. މިޑްނައިޓް ރަން ނުވަތަ ރޭގަނޑުގެ ލަސް ވަގުތުތަކުގައި ބާއްވާ ރޭސް ތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މަޝްހޫރު އިވެންޓެކެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ދުވުމަކީ ވަކި ވަގުތަކަށް ހާއްސަ އިވެންޓެއް ނޫން ކަން އަންގައިދިނުމެވެ.