18 އޮކްޓޯބަރ 2017 - 11:55

އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި ހެދި ފްލެޓްތަކަށް ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން ފައިސާ ދެއްކުމަށް ލޯނު ހަމަނުޖެހުނު މީހުންނަށް ކަނޑައެޅި ފްލެޓްތައް ވިއްކާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
ގާކޮއްޓާއި އަރަބިއްޔާ ކުރިން ހުރި ބިމުގައި ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ ދެ މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސަން އެޗްޑީސީން ދިން ފުރުސަތު ހަމަވީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޓާޓާ ފްލެޓްތަކަށް ލޯނު ހަމަޖެހުނު މީހުންގެ ތަފުސީލް ހޯދަން ބޭންކުތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ލޯނު ހަމަނުޖެހޭ މީހުންގެ ފްލެޓްތައް ވިއްކަން ހުޅުވާލައި، ތަފުސީލްތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިގެންދަނީ ލޯނު ހަމަޖެހުނު މީހުންގެ މައުލޫމާތުތައް ބޭންކުތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތްކުރަމުން. އެ މައުލޫމާތުތައް ލިބުމުން އަޅުގަނޑުމެންނަށް އެނގޭނީ ކިތައް މީހުންނަށްކަން ލޯނު ލިބުނީ. އޭގެ ތެރެއިން ލޯނު ހަމަނުޖެހުނު ފްލެޓްތައް ކޮންޓްރޯލް އަގެއްގައި ވިއްކަން ވަނީ ނިންމާފައި. އަދި އެ ތަންތަން ވިއްކާނެ އުސޫލްތައް ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތަކަށް ގުރުއަތުން ހޮވުނު 268 މީހުންގެ ތެރެއިން ފައިސާ ދައްކަން ދިން މުއްދަތު މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހަށް ހަމަވި އިރު 47 މީހަކަށް ފައިސާ ދައްކައިދޭން އިސްލާމިކް ބޭންކު (އެމްއައިބީ) އިން ވަނީ ނިންމައިފަ އެވެ. އެ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން އެ ބޭންކުން ފައިސާ ހޯދުމަށް 100 މީހަކު ހުށަހެޅި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެ ފައިސާގެ ކަންތައް ހަމަޖެހުނީ 47 މީހަކަށެވެ.
އެ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލުކޮށްފައިވަނީ 53 އެޕާޓްމަންޓެކެވެ. ބާކީ 235 އެޕާޓްމަންޓް އަދި ހަވާލެއް ނުކުރެ އެވެ. އެ ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން ފައިސާ ހަމަނުޖެހުނު މީހުންނަށް ފަސޭހަ އިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭން އެމްއެމްއޭ އިން ބޭންކުތަކާ ގުޅިގެން އާ ލޯނު ސްކީމެއް ވަނީ ތައާރަފްކޮށްފަ އެވެ.
މަރުކަޒީ ބޭންކުން އަލަށް އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ޑައުންޕޭމަންޓަށް 20 ޕަސެންޓަށް ވުރެ މަތީ އަދަދެއް ދައްކާ ނަމަ ލޯނުގެ އިންޓަރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ. އަދި 10-20 ޕަސެންޓާ ދެމެދުގެ ޑައުންޕޭމަންޓެއް ދައްކާ ނަމަ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5.5 ޕަސެންޓެވެ. ޑައުންޕޭމަންޓް 5-10 ޕަސެންޓާ ދެމެދުގައި ނަމަ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.
ލޯނުގެ ގޮތުގައި މި ގަވާއިދުގެ ދަށުން ދޫކުރާނީ އެއް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އެވެ. ޓާޓާ ފްލެޓްތައް ވިއްކަނީ ދެ މިލިއަން ރުފިޔާ އަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކުރީގެ އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.